ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލު ނުވެ ގޮސް އެކްސިޑެންޓްވި ޕިކަޕުގެ ޑްރައިވަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލާގައި ހައްޔުކޮށްފައި ވަނީ 51 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާގެ ބަންދަށް 10 ދުވަސް ޖެހީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ގެންދިއުމުން ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ހަވީރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް ހއ. ކެލާ، ޝަދުވާން ޝާފިއު، 4، ވަނީ މަރުވެފަ އެވެ. އަދި އޭނާގެ ބައްޕަގެ މޭކަށިގަނޑުން ބައެއް ބިންދައިގެން ގޮސް ކަނައަތް ވަނީ ބިންދައިގެން ގޮސް، ފުން ޒަހަމްތަކެއް ލިބިފައިވެ އެވެ. އޭޑީކޭއިން ބުނީ ޝަދުވާންގެ ބައްޕަގެ ހާލު ސީރިއަސް ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި އަނެއް ތިން މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އެ މީހުންނަށް އަދިވެސް ފަރުވާދެމުންދާ ކަމަށް އޭޑިކޭއިން ބުންޏެވެ.

އިއްޔެ ހަވީރު 5:35 ހާއިރު މަޖީދީމަގާއި ނިރުޅުމަގާ ގުޅޭ ހިސާބުގައި ހިނގި އެ އެކްސިޑެންޓުގައި އަށް ވެހިކަލަކަށް ވަނީ ގެއްލުން ލިބިފަ އެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕް ކޮންޓްރޯނުން ނައްޓައިގެން ގޮސް ދުއްވާފައި ދިޔަ ތިން ސައިކަލެއްގައި ޖެހުނެވެ. އަދި ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގެ އިތުރުން ޕާކުކޮށްފައި އޮތް ކާރަކަށް ވެސް އެ ޕިކަޕް ޖެހުނެވެ.