ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށް ގޮވާލާ އެމްއެންބީސީ، ކުރީގެ ޓީވީމޯލްޑިވްސް ކައިރީގައި މުޒާހަރާ ކުރުމުން އެމްޑިޕީއާއި ޑީއާރުޕީގެ އެކްޓިވިސްޓުންތަކުގެ ދެމެދު ހަމަނުޖެހުން ހިންގައިފި އެވެ.

ޑީއާރުޕީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރުގެ ފެކްޝަނުން ރާވައިގެން ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށް ގޮވާލައި އާޓިފިޝަލްބީޗުގައި ރޭ ފެށި މުޒާހަރާގެ އެމްއެންބީސީ ނުވަތަ ކުރީގެ ޓީވީ މޯލްޑިވްސްއާ ދިމާލަށް މިސްރާބު ބަދަލުކޮށްލީ ރޭ 10:15 އެހާކަން ހާއިރު އެވެ.

ދައުލަތުގެ މީޑިއާ މިނިވަންކުރުމަށްޓަކައި ގާނޫނަކުން އުފައްދާފައިވާ އެމްބީސީއަށް ކުރީގެ ޓީވީއެމްއާއި ދިވެހި ރާއްޖޭގެ އަޑު ހަވާލު ކުރުމަށް ގޮވާލައި މާލޭގެ މަގުތަކުން މުޒާހަރާ ކުރަމުންގޮސް، އެމްއެންބީސީ ވަން ކައިރީގައި މުޒާހަރާ ކުރަންފެށުމާއެކު، އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިންގަންފެށި އެވެ. ނަމަވެސް އެމްއެންބީސީގެ ދޮށާރަށި ކުރިމަތީގައި ރަޔަޓް ގިޔަރުގައި ތިބި ފުލުހުން އެ މީހުން ދުރުކުރުމަށްޓަކައި އެ ދެ ބައިމީހުން ދެ ބަޔަކަށް ބަހާލައި، މެދުން ދެ ސަފެއް ހަދާލި އެވެ.

ދެ ޕާޓީގެ މީހުން ދުރުކުރި ކަމުގައިވިޔަސް އެ ދެބައި މީހުން ދެމުން ގެންދިޔަ ބަހުގެ ހޫނު ހަމަލާތަކަށް ބަދަލެއް ނާދެ އެވެ. ރޭގެ މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން އެއްވެސް ފިޔަވަޅެއް، އަޅާފައި ނުވާއިރު، އެއްވެސް އިންޒާރެއްދީފައެއް ނުވެ އެވެ.

ގަޑިއެއްހާއިރަށް އެމްއެންބީސީ ގައިރީގައި ކުރި މުޒާހަރާ، ނިންމާލިކަން އިއުލާން ކުރީ ރޭ 11:30 އެހާކަންހާއިރު، އުމަރު ނަސީރު އެވެ. ރޭގެ މުޒާހަރާ ނިންމާލިއިރު، އިތުރު އެހެން މުޒާހަރާއެއް، ބާއްވާނެ ކަމަށް އިއުލާނެއް ނުކުރެ އެވެ.

"ދައުލަތުގެ މީޑާއާ ރައްޔިތުންގެ އަތްމައްޗަށް" މި ނަމުގައި ޑީއާރުޕީން ރޭ ބޭއްވި މުޒާހަރާގައި އުމަރުގެ ޓީމާއެކު، ބައިވެރިވީ ޑީއާރުޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފްގެ އިތުރުން، ކުރީގެ ރައީސް މައުމޫނުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު )މުންދު( ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.