ރޭ މެންދަމު މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް، މަރުވި ސ. މަރަދޫ، އަހުމަދު މަފާޒު، 28، އަށް ހަމަލާދިނުމުގެ ތުހުމަތުގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަަމަށް ފުލުހުން ބުނެފި އެވެ.

މަފާޒަށް ހަމަލާދިނުމުގެ ކުށުގައި 10 ވަރަކަށް މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ވާހަކަތައް ދޮގުކޮށް، ފުލުހުންގެ މީޑީއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ މަފާޒު މަރުގެ މައްސަލާގައި ބަޔަކު ހައްޔަރު ކުރި ކަމަށް ދައްކާ ވާހަކަތަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

އޮފިޝަލަކު ވިދާޅުވީ މަފާޒުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އޮފިޝަލް ވިދާޅެއް ނުވި އެވެ.

ހުސްނުހީނާ މަގު، އަލޯރާ ފަރުނީޗަރު ކައިރީގައި ރޭ ހިންގި މާރާމާރީގައި މަފާޒަށް ރޭ ދިން ހަމަލާގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅާލައި، ކަރުގައި ވަޅި އަޅާފައިވެ އެވެ. އަދި ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރާފައިވެ އެވެ.