ރާއްޖޭގެ ފުޓްބޯޅަ އެސޯސިއެޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، މުލަކު އެކުވެރި ކްލަބް (އެމްއީސީ) މުބާރާތުގެ ގްރޫޕް 'އޭ' ގެ އެއްވަނަ މަގާމް ހޯދައިފިއެވެ.

އިއްޔެ ކުޅުނު މެޗުގައި އެމްއީސީ ބައްދަލުކޮށްފައި ވަނީ މުލީ އެކުވެރިންގެ ދިރުން (އެމްއީޑީ) އާއެވެ. އެ މެޗު އެމްއީސީ ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު އެމްއީސީއަށް ކާމިޔަބުކޮށްދީފައި ވަނީ ފުރަތަމަ ހާފްގައި އެ ޓީމްގެ ނާޝިހު އާދަމް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެމްއީސީގެ އަހުމަދު ނާސިހު އެވެ.

އެ މުބާރާތުގައި ގްރޫޕް 'އޭ' ގެ ހުރިހާ ޓީމެއްވެސް މިހާތަނަށް ދެ މެޗު ކުޅެފައި ވާއިރު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރި އެމްއީސީއަށް މުޅިއަކު ހަ ޕޮއިންޓު ލިބިފައި ވެއެވެ. މުބާރާތުގައި މި ގްރޫޕްގެ ތާވަލްގެ ދެވަނައިގައި އޮތީ ވޭވަށު އެކުވެރިންގެ ގުޅުމެވެ. އެ ޓީމް ކުޅުނު އެއް މެޗު ކާމިޔާބު ކޮށްފައި ވާއިރު، ދެވަނަ މެޗު ވަނީ އެއްވަރުވެފައެވެ. ކުޅުނު ދެ މެޗުވެސް އެއްވަރުވެ ދެ ޕޮއިންޓާއެކު ތާވަލްގެ ތިންވަނަ ހާސިލްކޮސްފައި ވަނީ ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާއެވެ.

މުބާރާތުގެ ގްރޫޕް 'ބީ' ގައި ހިމެނޭ ޓީމްތަކަށް ބަލާލާއިރު، ގްރޫޕް 'ބީ' ތާވަލްގެ އެއްވަނަ މަގާމް ހާސިލްކޮސްފައި ވަނީ ރަތްމަންދޫ ޒުވާނުންގެ ޖަމިއްޔާ (އާރްޒެޑްޖޭ) އެވެ. ތާވަލްގެ ދެވަނަ ހާސިލްކޮށްފައިވާ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ (އެމްއީޒެޑްޖޭ) އެ ޓީމާއި ޕޮއިންޓުގެ ގޮތުން ހަމަހަމައިރު، އާރްޒެޑްޖޭ ތާވަލްގެ އެއްވަނަ ހާސިލްކޮށްފައި ވަނީ ފައިދާ ދެ ލަނޑާ އެކުއެވެ. މި ގްރޫޕްގެ ކޮންމެ ޓީމެއްވެސް މިހާތަނަށް ކުޅެފައި ވަނީ އެންމެ މެޗެކެވެ. ކުޅުނު މެޗުން ބަލިވި ނާލާފުށި ޔޫތު ޑިވަލޮޕްމަންޓް އެސޯސިއޭޝަން (އެންވައިޑީއޭ) އާއި މުލީ ސްޕޯޓްސް ކްލަބް އޮތީ ތާވަލްގެ ތިންވަނައާއި ހަތަރު ވަނައިގައެވެ.

މ. އަތޮޅުގެ ނުވަ ރަށަކުން ބައިވެރިވެފައިވާ މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ މަޑުއްވަރި ޒުވާން ޖީލާއި ވޭވަށު އެކުވެރިންގެ ގުޅުމެވެ. މި މުބާރާތުގެ ޗެންޕިއަން ޓީމަށް އެފްއޭއެމުން ދޭ ތަށީގެ އިތުރުން، މ. އަތޮޅު ކައުންސިލުން ދެއްވާ ވާދައިގެ ތައްޓާއި 15،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.