07 Dec 2014, 15:47
މިހާރު ދޫކޮށްލާފައި ހުރި އިމާރާތެއްކަމަށްވާ ޔޫއެން ބިލްޑިންގެ އަޑީގައިވާ ތާންގީއެއްގައި ރައްކާކޮށްފައި ހުރި ވާރޭ ފެނުގެ ތެރެއިން 180 ޓަނުގެ ފެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން ފަށައިފި އެވެ.
ރާއްޖޭގައި ހުންނަ ޔޫއެންގެ އޮފީހުން މިއަދު ބުނީ ބުރުޒު މަގުގައިވާ ޔޫއެން ބިލްޑިންގައި ހުރި ފެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިއްޔެ ހަވީރު 5.00 ގައި ނަގަން ފަށާފައިވާ ކަމަށެވެ. އަދި ރޭ މެންދަމުން އަލިވެ 1.00 ވީ އިރު 10 ޓަނުގެ ފެން ނަގާފައިވާ ކަމަށާއި 180 ޓަނު ހަމަ ވަންދެން އެތަނުން ފެން ނަގާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ޔޫއެން އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔޫއެންބިލްޑިންގައިވާ ވާރޭ ފެން ބުއިމުގެ ކުރިން ޓްރީޓްކުރަން ޖެހޭ ކަމަށް ޓެސްޓްތަކުން އެނގުނު ކަމަށެވެ. އެހެންވެ، އެ ފެން މީހުންނަށް ފޯރުކޮށްދިނުމުގެ ކުރިން ޓްރީޓްކުރާނެ ކަމަށް އެމްޑަބްލިއުއެސްސީއާއި އެމްއެންޑީއެފުން ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ޔޫއެން ބިލްޑިން އިން އައިޖީއެމްއެޗަށް ގެންދާ ފެން، އެ ހޮސްޕިޓަލުގައި ތަފާތު އެތައް ކަމަކަށް ބޭނުންކުރާނެ ކަމަށް ވެސް ޔޫއެންގެ ބަޔާނުގައިވެ އެވެ.