ރެސްޓޯރަންޓުތަކާއި ކެފޭ އަދި ހޮޓާތަކުގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ތަށިފަދަތަކެތި ދޮންނާނެ ވަރަށް ފެން ނުލިބިގެން، މާލޭގެ ބައެއް ރެސްޓޯރަންޓުތަކާއި ކެފޭ އަދި ހޮޓާތަކުގައި ކަރުދާސް ތަށްޓާއި ރަބަރު ކޮތަޅުގައި ކާބޯތަކެތި ފޯރުކޮށްދޭން ފަށައިފި އެވެ.

ފެން މައްސަލައާ ގުޅިގެން ކެފޭއެއްގައި ކާއެއްޗެހި އެޅުމަށް ކަރުދާސް ތަށި ބޭނުންކޮށްފައި---ފޮޓޯ: އެފްބީ

ސީހައުސް ރެސްޓޯރެންޓް އެސިސިސްޓެންޓް މެނޭޖަރު އަނަސް ފަޔާޒު މިއަދު "ސަން" އަށް ވިދާޅުވީ މިގޮތަށް ހަމަޖެއްސީ މާލޭގައި ދިމާވެފައިވާ ފެނުގެ މައްސަލައާ ގުޅިގެން ސާފުތާހިރު ކަމަށް އިތުރު ސަމާލު ކަން ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ފެނުގެ މައްސަލަ ދިމާވުމާއެކު ރެއިން ފެށިގެން އެތަނުގެ އެއްވެސް ރެސްޓޯރެންޓެއްގައި އެއްވެސް ވަރަކަށް ނޯމަލްކޮށް ބޭނުން ކުރަމުން އަންނަ "މުށި ތަށިތައް" ބޭނުން ނުކުރާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"ނޯމަލްކޮށް ބޭނުން ކުރަމުން އަންނަ ތަށިތައް މިހާރު ބޭނުމެއް ނުކުރަން ވޯޓާ ވޭސްޓް ވާތީ، އަނެއް ކޮޅުން ފުޑް ހައިޖީން އަށް ވެސް އެބަޖެހޭ ބަލަން، ބޭނުންވާ ވަރަށް ފެން ނުލިބޭ ކަމުގައިވާނަމަ ތަށިތައް ރަނގަޅަށް ނުދޮވެވޭނެތީ ކަރުދާސްތައްޓަށް މުޅިން މި ބަދަލުކޮށްލީ،" އަނަސް ވިދާޅުވި އެވެ.
ފެން މައްސަލައާ ގުޅިގެން ކެފޭއެއްގައި ކަރުދާސް ތަށި ބޭނުންކޮށްފައި---ފޮޓޯ: އެފްބީ
ސީ ހައުސްގެ އިތުރުން މާލޭގެ މަޝްހޫރު ބައެއް ބޮޑު ރެސްޓޯރެންޓްތަކުގައި ވެސް ގެންދަނީ މުށި ތަށީގެ ބަދަލުގައި ކަރުދާސްތައްޓާއި ރަބަރު ތަށި ބޭނުން ކުރަމުންނެވެ.

ކެފޭތަކާއި ރެސްޓޯރަންޓުތަކުން ހިދުމަތް ދިނުމުގައި ބޭނުން ކުރާ މުޅި ތަށިތަކުގައި ހިދުމަތް ދިނަސް ކާއެއްޗެހި ތައްޓަށް އަޅާފައި ހުންނަނީ ރަބަރު ކޮތަޅަކާއެކު އެވެ. ކާބޯތަކެތިން ތަށީގައި ނުޖެއްސުމަށް ހުރަހަކަށް މެދުވެރިކޮށްފައި ވަނީ ކޮތަޅެވެ.

ކެފޭއެއްގައި މަސައްކަތް ކުރާ ވެއިޓަރަކު ބުނީ ކާއެއްޗެހި އެގޮތަށް ރަބަރު ކޮތަޅުކޮޅަކަށް އަޅައިގެން ގެންނަނީ ބޭނުންވާ މިންވަރަށް ފެން ނުލިބޭތީ އެވެ. އޭނާ ބުނީ ތަށިތައް ދޮންނަން ފެން ގެންނަން ޖެހެނީ ބޮޑެތި ހަން ހިފައިގެން ގޮސް ކިއުގައި ޖެހިގެންނެވެ.
ކެފޭއެއްގައި ވެއިޓަރަކު ކަރުދާސްތައްޓެއް ހިފައިގެން---ސަން ފޮޓޯ: ފަޔާޒު މޫސާ
ކާބޯތަކެތީގެ ހިދުމަތް ދޭ ބައެއް ތަންތަނުގައި ފެނުގެ މައްސަަލައާ ގުޅިގެން ކަރުދާސް އާއި ރަބަރު ތައްޓަށް ކާއެއްޗެހި އެޅުން ބަދަލުކޮށްފައިވާއިރު، މާލޭގެ ބައެއް މަޝްހޫރު ރެސްޓޯރަންޓުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އަދި މެޝިންތަކުން ގިރައިގެން ދޭންޖެހޭ ކޮފީ ވެސް ދިނުން މިހާރު ވަނީ ހުއްޓާލާފަ އެވެ.

"ލަވާޖާ ކޮފީ ދެވޭ ކަށް މިހާރަކު ނޯވޭ، މެޝިން ދޮންނަން ވެސް ފެން ބޭނުންވޭ، އެ ވަރަށް ފެން އިސްރާފު ނުކުރަންވެގެން ލަވާޒާ ސާވްނުކުރޭ މިހާރު،" މަޝްހޫރު ޓްރެންޑްސް ރެސްޓޯރެންޓްގެ ސުޕާވައިޒަރަކު ބުންޏެވެ.