07 Dec 2014, 14:52
އެމްޑަބްލިއުއެސްސީގެ އަލިފާނުގެ ހާދިސާ އަށް ފަހު މާލެ އަށް ފެން ފޯރުކޮށްދިނުމަށް ކަސްޓަމްސްގައި ގާއިމު ކުރި ޕޮއިންޓުންނާއި އަދި ވެހިކަލްތަކުގައި ބެހި ފެނުން މިހާތަނަށް 200 އަށް ވުރެ ގިނަ ޓަނުގެ ވާރޭ ފެން އާންމުންނަށް ދޫކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކަސްޓަމްސްގެ ސީނިއާ ސްޕްރިންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ ކަސްޓަމްސް އިމާރާތުގެ ބޭރުގައި ގާއިމުކޮށްފައިވާ އިސްކުރުބަރިންނާއި އަދި އެމްއެންޑީއެފްގެ ޓޭންކްތައް މެދުވެރިކޮށްގެން މިހާތަނަށް 200 އަށް ވުރެ ގިނަ ޓަނުގެ ވާރޭ ފެން އާންމުނަށް ފޯރުކޮށްދިފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އިތުރު 50 ޓަނު ކަސްޓަމަސްގެ ރިސާވް ޓޭންކްގައި މިހާރު ވެސް ހުރި ކަމަށެވެ.
ނިޔާޒު ވިދާޅުވީ ކަސްޓަމްސްގެ ޓޭންކްތަކަށް އިތުރުފެން އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން، މިއަދު ފެން ހިފައިގެން އަންނަ އިންޑިއާގެ މަނަވަރުން 200 ޓަނުގެ ފެން ކަސްޓަމްސްގެ ޓޭންކްތަކަށް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިއަދު ހަވީރު ފެން ހިފައިގެން އަންނަ އިންޑިއާގެ މަނަވަރުން 200 ޓަނުގެ ފެން ކަސްޓަމްސްގެ ރިސާވް ޓޭންކަށް އެޅުމަށް ހަމަޖެހިފަ ވަނީ. އެހެންވީމާ، މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފެންފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އާންމުނަށް ފެން ފޯރުކޮށްދިނުމަށް ކަސްޓަމްސް އިން ވަނީ 25 އިސްކުރު ބަހައްޓައިފަ އެވެ.
ކަސްޓަމް އިން ބުނީ މިއަދު ހެނދުނު 9 އަކުން ފެށިގެން މިރޭ 11 ޖެހުމާ ހަމައަށް ފެން ދޫކުރާނެ ކަމަށެވެ. އަދި ބުނީ އެމްޑަބުލިއުއެސްސީގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުވަންދެން އާންމުނަށް ފެން ދޫކުރާނެ ކަމަށެވެ.