ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސާ ވައްޓާލުމަށް އެމެރިކާ ސަރުކާރުން ފަންޑު ކުރާ ކަމަށް ލަންކާގެ މިނިސްޓަރަކު ކުރެެއްވި ތުހުމަތު އެމެރިކާ ސަރުކާރުން ދޮގުކޮށްފި އެވެ.

ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއާ ހަވާލާދީ އޭއެފްޕީ އިން އިއްޔެ ބުނީ ރާޖަޕަކްސާ ވައްޓާލުމަށް އިދިކޮޅު ފަރާތްތަކަށް ފަންޑު ކުރާ ކަމަށް ލަންކާގެ ރީ ސެޓްލްމަންޓް މިނިސްޓަރު ގުނަރަތުނާ ވީރަކުން ދެއްކެވީ އެއްވެސް ޒިންމާދާރު ކަމެއް ނެތް އަދި ދޮގު ވާހަކައެއް ކަމަށެވެ.

ވީރަކުން ވިދާޅުވެފައި ވަނީ އަންނަ މަހު ލަންކާގައި އޮންނަ އިންތިހާބުގައި ރާޖަޕަކްސާ ތިން ވަނަ ދައުރަކަށް ހޮވުނަ ނުދިނުމަށް އެމެރިކާގެ އެމްބެސަޑަރު މިޝޭލް ސިސޯން އިދިކޮޅު ފަރާތްތަކަށް ފަންޑު ކުރާ ކަމަށެވެ.

"ރާޖަޕަކްސާ ތިން ވަނަ ދައުރަކަށް ހޮވުނަށް ނުދިނުމަށް އޭނާ [މިޝޭލް] ދަނީ އިދިކޮޅު ފަރާތްތަކަށް ފަންޑު ކުރަމުން،" ހުކުރު ދުވަހު އޮތް ޕަބަލިކް ރެލީއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެމެރިކާ އެމްބަސީ އިން ވަނީ އެ ތުހުމަތުތައް ވަގުތުން ދޮގުކޮށްފަ އެވެ.

"މިނިސްޓަރު ގުނަރަތުނާ ވީރަކޫންގެ ތުހުމަތަކީ އެއްވެސް އަސްލެއް ނެތް، ވާހަކައެެއް،" އެމްބަސީ އިން ނެރުނު ބަޔާނެެއްގައި ބުންޏެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިނިސްޓަރުގެ އެ ވާހަކަ އަކީ ޒަމާނުއްސުރެ ލަންކާގެ އޮފިޝަލުން އެމެރިކާއާ ދޭތެރޭ ދެކޭ ގޮތް ކަމަށާއި އެއީ މިސްއަންޑަސްޓޭންޑްވުން ކަމަށެެވެ.

ވީރަކޫން ވިދާޅުވީ ކުރީގެ ހަނގުރާ ޒޯނުން މިލިޓަރީ ކޭމްޕްތައް ނެގުމަށް އޭނާ މަސައްކަތްކޮށްފި ނަމަ އޭނާގެ ކުދިން ފަސް އަހަރު ދުވަހު އެމެރިކާގައި ކިޔެވުމަށް ސްކޯލާޝިޕް ދިނުމަށް ސިސޯން ހުށަހެޅުއްވި ކަމަށާއި އަދި ގެއާއި ގްރީން ކާޑް ވެސް ދިނުމަށް ހުށަހެޅި ކަމަށެވެ.

ކޮލަމްބޯގެ ހިއުމަންރައިޓްްސް ރެކޯޑްތަކާ މެދު ފާޑުކިޔުންތައް އަމާޒުވެފައިވާ، ކުރީގެ ހަނގުރާމަމަތީ ޒޯނުން މިލިޓަރީ ކޭމްޕްތައް ނެގުމަށް ގޮވާލުމަކީ އެމެރިކާ އާއި ހުޅުނގުން އަދި އިންޑިއާ އިން ތަކުރާރުކޮށް ގޮވަމުން އަންނަ ވާހަކަ އެކެވެ.

"އަހަރެން ބުނީ އާމީ ކޭމްޕްތައް ބަންދު ކުރުމަކީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް، އަދި އެކަން ކުރެވޭނީ ރައީސަށް ކަމަށް،" ވީރަކޫން ވިދާޅުވި އެވެ.

ސިސޯން ވަނީ އޭނާގެ އެމްބެސެޑަރު ކަމުގެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ހޮނިހިރު ދުވަހު ކޮލަމްބޯ އިން ފުރާވަޑައިގެންފަ އެވެ.

އެމެރިކާ އެމްބަސީގެ ބަޔާނުގައި ބުނީ ސިސޯން ފުރާވަޑައިގަތުމުގެ ކުރީން ލަންކާގެ ރައީސް ރާޖަޕަކްސާ އާއި އަދި ފޮރިން މިނިސްޓަރު ޖީއެލް ޕީރިސްއާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި ބައިލެޓްރަލް ގުޅުންތައް ވަރުގަދަ ކުރެެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅު ފާހަގަ ކުރައްވައި ތަހުނިޔާ ކިޔި ކަމަށެވެ.

ވޮޝިންގްޓަން އާއި ކަލަމްބޯގެ ގުޅުންތައް ހީނަރުވީ 2009 ވަނަ އަހަރު ނިމުނު ހަނގުރާމައިގެ ޖަރީމާތައް އދ. އިން ތަހުގީގު ކުރުމަށް އެމެރިކާ އިން ބާރުއެޅުމުންނެވެ.

ތަމަޅަ ހަނގުރާމަވެރިން ކުރި ހަނގުރާމަ 2009 ވަނަ އަހަރު ފަތަހަ ކުރި އިރު ކުށެެއް ނެތް 40،000 މީހުން މަރާފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ސިސޯން އަކީ ފާޅުގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ.