07 Dec 2014, 14:28
ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ށ. ފޯކައިދޫ މަސް ދޯންޏަކުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު މިއަދު ވިދާޅުވީ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވާފައި ވަނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު އެ ރަށު މާކަރީގެ އިބްރާހިމް ހަލީލް ކަމަށެވެ.
ހޮވައިގެން އުޅެނީ މާވަހަރެއް ކަމަށް ޔަގީންކޮށް ބުނެދޭން ނޭނގޭ ކަމަށް ރާޝިދު ވިދާޅުވި އެވެ. އެހެންނަމަވެސް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއީ މާވަހަރެއް ކަމަށް ބުނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން މިހާރު އެމީހުން އެދަނީ މާލެ ދާންވެގެން. އެހާ ގިނަ ބަޔަކު އެއީ މާވަހަރެއް ކަމަށް ބުނާ ކަމަށްވާ ނަމަ އެބޭފުޅުން ވެސް ބަލާނެދެއްތޯ އެއީ ކިހާވަރެއްގެ ތެދެއްތޯ." ރާޝިދު ވިދާޅުވި އެވެ.