01 Feb 2011, 10:41
ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށް ގޮވާލައި ޑީއާރުޕީން ރޭ ބޭއްވި މުޒާހަރާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްބީސީ[ގެ ބޯޑް މެންބަރު ނަހުލާ އަލީ އެ މުޒާހަރާގައި ބައިވެރިވި ފޮޓޯއެއް ނެގުމުން، ގްރޫޕެއް ފޮނުވައި ސަންގެ ފޮޓޯގްރާފަރަށް ބިރުދައްކައިގެން ފޮޓޯ ޑިލީޓް ކުރުވައިފި އެވެ.
"ދައުލަތުގެ މީޑިއާ ރައްޔިތުންގެ އަތްމައްޗަށް" މި ނަމުގައި ޑީއާރުޕީގެ ނައިބް ލީޑަރުކަމުން ވަކިކޮށްފައިވާ އުމަރު ނަސީރުގެ ޓީމުން ރޭ ބޭއްވި މުޒާހަރާގައި، ރައްޔިތުންގެ މަޖިލީހުން އުފައްދާފައިވާ އެމްބީސީގެ ބޯޑް މެންބަރެއް ކަމަގައިވާ ނަހުލާ އަލީ އެ މުޒާހަރާގައި ބައިވެރިވަނިކޮށް ސަންގެ ފޮޓޯގްރާފަރު، ފޮޓޯއެއް ނެގުމުން ނަހުލާ ފުރަތަމަ އެދުނީ އެ ފޮޓޯ ފުހެލުމަށް ކަމަށް ސަންގެ ފޮޓޯގްރާފަރު ބުންޏެވެ.
ސަންގެ ފޮޓޯގްރާފަރު ބުނީ އެ ފޮޓޯ ކެމެރާ އިން ޑިލީޓް ކުރުމަށް އޭނާ ފުރަތަމަ އިންކާރު ކުރި ކަމަށާއި ނަމަވެސް ފޮޓޯ ފުހެލީ ގްރޫޕެއް އޭނާއާ ކުރިމަތިލައި "އެ ފޮޓޯގެ ސަބަބުން ނަހުލާގެ ވަޒީފާ އަށް މައްސަލަ ޖެހޭނެ" ކަމަށް ބުނެ ބިރުދެއްކުމުން ކަމަށެވެ.
"ތި ފޮޓޯ ކެމެރާގައި ހުރެއްޖެ ނަމަ އަޅުގަނޑުގެ ވަޒީފާއަށް ބުރޫއަރާނެ،" ނަހުލާ ސަންގެ ފޮޓޯގްރާފަރު ގާތުގައި ބުންޏެވެ.