07 Dec 2014, 13:51
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ރެކޯޑް ހެޓްރިކާއެކު މެޗު ކާމިޔާބުކޮށް، ލަލީގާ ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް ހަތަރު ޕޮއިންޓު ކުރިއަށް ޖެހިލައިފިއެވެ.
ރޭ ކުޅުނު މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ހެޓްރިކާއެކު އެނާ ވަނީ ލަލީގާގައި މިހާތަނަށް އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މީގެ ކުރިން މި މަގާމް ހާސިލްކޮށްފައި ވަނީ ރެއާލް އަށް ކުރިން ކުޅުނު އަލްފްރެޑޯ ޑީ ސްޓެފަނޯ އާއި އެތްލެޓިކޯ ބިލްބާއޯގެ ޓެލްމޯ ޒައްރާ އެވެ. މި ދެކުޅުންތެރިން ވަނީ ކޮންމެ ކުޅުންތެރިއަކު ލަލީގާގައި މުޅިއަކު 22 ހެޓްރިކް ކާމިޔާބު ކޮށްފައެވެ. ރޮނާލްޑޯ ރޭ ކާމިޔާބު ކުރި އޭނާގެ 23 ވަނަ ހެޓްރިކާއެކު އޭނާ ވަނީ އެ ދެ ކުޅުންތެރިންގެ ރިކޯޑް މުގުރާލާފައެވެ.
މީގެ އުތުރުން ރޭގެ ކާމިޔާބީއާއެކު ރެއާލް ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗު ކާމިޔާބުކުރި ބާސެލޯނާގެ ރެކޯޑާވެސް ހަމަހަމަ ކޮށްފައެވެ. 2005-2006 ގެ ސީސަންގައި ބާސާ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން 18 މެޗު ކާމިޔާބު ކޮށްފައި ވާއިރު، ރޭގެ ކާމިޔާބީއާއެކު ރެއާލް ވެސް ވަނީ މި ސީސަންގެ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން 18 މެޗު ކާމިޔަބު ކޮށްފައެވެ.
ރޭގެ މެޗުގައި ސެލްޓާ ވީގޯ ރަނގަޅު ފެށުމެއް ފަށާފައި ވާއިރު، ފުރަތަމަ ވަގުތުކޮޅުތެރޭ ރެއާލް އަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. މެޗު ފެށިތާ 10 މިނެޓުތެރޭ ރެއާލް ހަމަޔަކަށް އެޅި ރަނގަޅަށް ކުޅެން ފަށާފައި ވާއިރު، މެޗުގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކުރެވުނީ ޕެނަލްޓީ އަކުންނެވެ. ނޮލީޓޯ ރޮނާލްޑޯއަށް ކުރި ފައުލަކާ ގުޅިގެން ރެއާލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި އެ ޓީމަށް ލީޑް ހޯދަދިނީ މެޗުގެ 36 ވަނަ މިނެޓުގައި ރޮނާލްޑޯއެވެ.
މެޗުގައި ރެއާލް ލީޑު ފުޅާކޮށްލާފައި ވަނީ ދެވަނަ ހާފްގައެވެ. މެޗުގެ 65 ވަނަ މިނެޓުގައި ރެއާލް އަށް އެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. ރޮނާލްޑޯ އެނާގެ ހެޓްރިކް ފުރިހަމަކޮށްފައި ވަނީ މެޗުގެ ފަހު 10 މިނެޓުތެރޭ، މާސެލޮ ނަގައިދިން ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެނެވެ. މެޗުގެ ފަހު ވަގުތުކޮޅުވެސް ރެއާލް ވަނީ ސެލްޓާ ވީގޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މި މެޗުގެ ނަތީޖާއާއެކު ރެއާލް ވަނީ މުޅިއަކު 32 ޕޮއިންޓާއެކު ލަލީގާ ތާވަލްގެ އެއްވަނަ މަގާމުގައި ހަމަޖެހިލާފައެވެ. މިހާތަނަށް ލީގުގައި ރެއާލް 14 މެޗު ކުޅެފައި ވާއިރު، އެ ޓީމް ވަނީ އޭގެތެރެއިން 12 މެޗު ކާމިޔާބު ކޮށްފައެވެ.