ޗައިނާ ސަރުކާރުގެ ހިލޭ އެހީ ދަށުން ލ. އަތޮޅުގައި ހެދުމަށް ހަމަޖައްސާފައިވާ ލިންކް ރޯޑް މަޝްރޫގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފަށައިގެން ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުލް ހަސީބު މިއަދު "ސަން" އަށް ވިދާޅުވީ ލިންކް ރޯޑްގެ އަމަލީ މަސައްކަތް މީގެ ކުޑަދުވަސްކޮޅެއް ކުރިން ފަށައިގެން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ މަޝްރޫއު ރަސްމީކޮށް ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަދު ނަމަވެސް މާލެ އަށް ދިމާވި ހިތާމަވެރި ފެނުގެ ކާރިސާއާ ގުޅިގެން އެ ރަސްމިއްޔާތު ފަސްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލ. އަތޮޅުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ލިންކް ރޯޑްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި -- ފޮޓޯ/ ލިންކް ރޯޑް ކޮމިއުނިޓީ އެފްބީ

"މަގު ސާފު ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި މިހާރު ގެންދަނީ ކުރިއަށް، މަޝްރޫއު ރަސްމީކޮށް ފެށުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން މިގެންދަނީ، އެހެންނަމަވެސް މާލެ އަށް ދިމާވި ކާރިސާއާ ގުޅިގެން ޑިލޭއެއް އަންނާނެ ކަމަށް ބެލެވޭ،" ހަސީބު ވިދާޅުވި އެވެ.

ލިންކް ރޯޑްގެ އަމަލީ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން ގެންދާއިރު އެ މަގަށް އަރާފައިވާ ރުއްތައް ކެނޑުމުގެ މަަސައްކަތާއި މަގުގެ ލެވެލްކުރުމުގެ މަސައްކަތުގެ އިތުރުން މަގުގެ ދެ ފަރާތުގައި ހުރި ވިނަތައް ނޮޅައި ސާފުކުރުމުގެ މަސައްކަތްތައް ގެންދަނީ ކުރަމުންނެވެ.
ލ. އަތޮޅުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ލިންކް ރޯޑްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި -- ފޮޓޯ/ ލިންކް ރޯޑް ކޮމިއުނިޓީ އެފްބީ

ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ ލިންކް ރޯޑަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ. އެެ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ. އެ މަޝްރޫގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ އެވެ.