07 Dec 2014, 13:21
ކޮންޓްރޯލް ނުކުރެވިގެން ދުއްވި ޕިކަޕަކުން ޖެހި މާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭ އިން ބުނެފި އެވެ.
އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު "ސަން" އަށް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކު އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށާއި އޭގެތެރެއިން އެންމެ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ 30 އަހަރުގެ މީހާގެ ބޮލުގެ އިތުރުން މައިބަދަ އަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
އައްފާލް ވިދާޅުވީ އެމީހާގެ ބޮލަށް ލޭ އެޅިފައި ވާތީ ރޭ ހަތަރު ގަޑިއެއްހާ އިރު ކުރި އޮޕަރޭޝަނަށް އައިސީޔޫގައި ފަރުވާދިނުމަށް ފަހު މިއަދު ހެނދުނު ވެސް ބޮލުގެ އިތުރު އޮޕަރޭޝަނެއް ކުރުމަށް ތިއޭޓަރަށް ވައްދާފައިވާ އެވެ. އަދި އެމީހާގެ މައިބަދައިގެ ދެ ތަނަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މީހާގެ ބޮލުގެ އޮޕަރޭޝަނެއް ރޭ ވެސް ވަނީ ކޮށްފައި، އެކަމަކު ލިބިފައިވާ އަނިޔާގެ ބޮޑުކަމުން އެއް ފަހަރާ އެ އޮޕަރޭޝަން ނުކުރެވިގެން މިއަދު އަނެއްކާ ވެސް އިތުރު އޮޕަރޭޝަނެއް ކުރުމަށް ތިއޭޓަރަށް ވައްދާފައި ވަނީ، އެމީހާގެ ހާލު އަދި ވެސް ވަރަށް ކްރިޓިކަލް،" އައްފާލު ވިދާޅުވި އެވެ.
އިއްޔެގެ އެކްސިޑެންޓްގައި ނިޔާވި ހަތަރު އަހަރުގެ ކުޑަ ކުއްޖާގެ ބައްޕަ 38 އަހަރު،ގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި އެމީހާ އަށް ލިބިފައިވާ ގެއްލުންތަކަކީ ކަށީގެ މައްސަލަތަކެއް ކަމަށެވެ. އެގޮތުން އެމީހާގެ ފަޔާއި އަތާއި އުނަގަނޑުގެ އިތުރުން އަރިކަށީގެ ހަށިތަކަށް ލިބިފައިވާ އަނިޔާތަކަށް ރޭ އަށް ގަޑިއިރުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު އޭނާ މިހާރު ވަނީ ރޫމަށް ބަދަލުކޮށްފަ އެވެ.
އެ އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާ ހއ. ކެލާ، ޝަދުވާން ޝާފިއު، އަށް ނިޔާވެފައި ވަނީ އޭނާ އަށް ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާދެމުން ގެންދަނިކޮށެވެ. އަދި އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ 54 އަހަރުގެ އަންހެން މީހާ އާއި އިތުރު އަންހެނަކަށް އޭޑީކޭ އިން ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
މި އެކްސިޑެންްޓް ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލު ނުކުރެވިގެން ގޮސް ދުއްވާފައި ދިޔަ ތިން ސައިކަލަކާ އެކު، ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހިގެން ނެވެ. އެވަގުތު އެސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ވެސް އެ ޕިކަޕު ޖެހުނެވެ. އެކްސިޑެންޓްވި ޕިކަޕްގައި އިން މީހާ އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.