07 Dec 2014, 13:18
މާލެއަށް މިހާރު ކުރިމަތިވެގެން އުޅޭ ފެނުގެ ދަތިކަމާ ގުޅިގެން ރާއްޖެ އަށް 1000 ޓަނުގެ ބޯފެން ފޮނުވައިދޭނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.
ޗައިނާ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ ޒިންހުއާ އިން މިއަދު ބުނީ ރާއްޖެ އަށް 1000 ޓަނުގެ ބޯފެން ފޮނުވައިދޭނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ރޭ ބުނި ކަމަށެވެ. އަދި ބުނީ ފުޅީގައި ބަންދުކޮށްފައިވާ ފެން މަދަނީ ދެ މަތިންދާބޯޓެއްގައި ގެނައުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ޗައިނާގެ ކަނޑުގެ ސިފައިންގެ ރެސްކިއު އުޅަނދެއް އޭގެ ޝެޑިއުލް ދަތުރު ހުއްޓާލާފައި ހުކުރު ދުވަހު ރާއްޖެއާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް ވެސް ބުންޏެވެ. އެ އުޅަނދުގައި 960 ޓަނުގެ މީރު ފެނާއި ލޮނު ފެނަށް ބަދަލު ކުރުމުގެ ވަސީލަތްތައް ހުންނާނެ ކަމަށް ވެސް ޗައިނާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ހުކުރު ދުވަހު ރާއްޖެއާ ދިމާއަށް މިސްރާބު ޖެހި އެ އުޅަނދަށް މާލެއަށް އާދެވޭނީ މިރޭ 3.00 ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.