ސަރުކާރުން އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް 200 ބިދޭސީ ނަރުހުން ގެނައުމުގެ ފުރުސަތު ބިދޭސީން ރާއްޖެ ގެންނަ އެޖެންސީތަކަށް ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ސަރުކާރުން އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބިދޭސީ ނަރުހުން ގެނައުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ އޭޖެންސީއަކަށް ވެސް އޮތް ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ މި ވަގުތަށް 200 ނަރުހުން ގެންނަން ބޭނުންވާ ކަމަށެވެ. އަދި ނަރުހުން ގެނެސްދޭން ބޭނުންވާ ފަރާތްތަކުން އެޖެންސީތަކުގެ ރެޖިސްޓަރީގެ ކޮޕީއަކާ އެކު އެ އޭޖެންސީއަކީ ރާއްޖެ އިން ބޭރުން ބިދޭސީން ގެނައުމުގެ މުއްދަތު ހަމަނުވެ، އަދި ހުއްދަ އޮތް ފަރާތެއްކަން އަންގައިދޭ ލިއުމާ އެކު ނަރުހުން ގެނެވިދާނެ ކަމަށެވެ.

އެޖެންސީތަކުން ނަރުހުން ގެންނަ އިރު އެ މީހަކު ރާއްޖެ އައުމަށް ކަނޑައެޅިފައިވާ ވަގުތާއި ތާރީހު އަދި ޓިކެޓްގެ ކޮޕީއެއް ތިން ދުވަސްވުމުގެ ކުރިން ހެލްތު މިނިސްޓްރީ އަށް ހުށަހެޅުމަކީ އެ އެޖެންސީއެއްގެ ޒިންމާއެއް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ބިދޭސީން ގެނައުމަށް ބޭނުންވާ އެޖެންސީތަކުން ފޯމުހުށައެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.