އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ޗެލްސީ 2-1 ގެ ނަތީޖާއަކުން ރޭ ނިއުކާސްލް ޔުނައިޓަޑް އަތުން ބަލިވެއްޖެއެވެ.

ޗެލްސީ ވަނީ މިފަހަރުގެ ސީސަންގައި މުޅިއަކު 15 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 11 މެޗު އެ ޓީމް ކާމިޔާބު ކޮށްފައި ވާއިރު، އެ ޓީމް ކުޅުނު ތިން މެޗު ވަނީ އެއްވަރު ވެފައެވެ. މުޅިއަކު 36 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީގެ މި ރިކޯޑް މުގުރާލާފައި ވަނީ މިހާރު ތާވަލްގެ ހަތް ވަނައިގައި 23 ޕޮއިންޓާއެކު އޮތް ނިއުކާސްލްއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް ވަނީ ލަނޑެއް ކަމިޔާބު ކުރެވޭގޮތް ނުވެފައެވެ. މުޅި މެޗުގައިވެސް ގޭމް ކޮންޓްރޯލް ކޮށްގެން ކުޅެފައި ވަނީ ޗެލްސީ އެވެ. ނިއުކާސްލްއަށް ލިބިފައިވާ ފުރުސަތުތައް އެ ޓީމް ހޯދާފައި ވަނީ ކައުންޓާ އެޓޭކްގައި އުފެއްދި ހަމަލާތަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑެއް ޖަހައި މެޗުގެ ލީޑް ނަގާފައި ވަނީވެސް ނިއުކާސްލް އެވެ. ދެވަނަ ހާފް ފެށުނުތާ 12 މިނެޓުތެރޭ ނިއުކާސްލްއަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޝޯލާ އެމިއޯބައި ދިން ރީތި ޕާހަކުން ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕެޕިސް ސިސޭ އެވެ.

މެޗުގައި ނިއުކާސްލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް މެޗުގެ ލީޑް ފުޅާކޮށްދީފައި ވަނީވެސް ސިސޭ އެވެ. ޗެލްސީ އުފެއްދި ހަމަލާއެއްގެ ކައުންޓާގައި އަވަސް ހަމަލާތަކެއް އުފައްދަމުން ދިޔަ ނިއުކާސްލްގެ ކޮލްބެކް ސިސޮކޯއަށް ދިން ޕާހުން އޭނާއަށް ރަނގަޅު ޝޮޓެއް ހެދިފައި ނުވާއިރު، އެ ބޯޅަ ދެން ލިބުނީ ސިސޭއަށެވެ. ބާރު ޝޮޓަކުން ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު އޭނާ ނިއުކާސްލްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 78 ވަނަ މިނެޓުގައެވެ.

މެޗުގައި ޗެލްސީއަށް ލަނޑެއް ކާމިޔާބު ކުރެވުނީ 81 ވަނަ މިނެޓުގައި ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ނިއުކާސްލްގެ ޑިފެންޑަރު ސްޓީވަން ޓައިލާ ދަނޑުން ފޮނުވާލުމުންނެވެ. 10 ކުޅުންތެރިންނާއެކު މެޗުގެ ފަހު ވަގުތުކޮޅު ކުޅެމުން އައި ނިއުކާސްލްގެ ގޯލު ޗެލްސީއަށް ހުޅުވައިދީފައި ވަނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗެލްސީގެ ޑިޑިއާ ޑްރޮގްބާ އެވެ. ޗެލްސީއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ ސެސް ފެބްރިގާސް ނަގައިދިން ބޯޅަ ބޮލުން ޖަހައި ނައުކާސްލްގެ ގޯލްގެ ތެރެއަށް ޑްރޮގްބާ ފޮނުވާލީ މެޗުގެ 83 ވަނަ މިނެޓުގައެވެ.

މި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ޗެލްސީގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ކުރިއަށް ޖެހިލާ ނިއުކާސްލްގެ ޑިފެންސަށް ޕްރެޝަ ކޮށްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ދިޔައިރު، ނަތީޖަ ހަމަހަމަ ކުރެވޭގޮތް ޗެލްސީއަށް ވަނީ ނުވެފައެވެ.

މި މެޗުން ބަލިވުމުން ތާވަލްގައި ޗެލްސީއާ އެންމެ ކައިރިން ވާދަކުރާ މެންޗެސްޓާ ސިޓީ ވަނީ ތިން ޕޮއިންޓުން އެ ޓީމާ ގާތަށް ޖެހިލާފައެވެ. ސިޓީ އާއި އެވަޓަން ރޭ ބައްދަލުކުރި މެޗު ސިޓީ ކާމިޔާބު ކޮށްފައި ވާއިރު، އެ ޓީމް މިހާރު އޮތީ މުޅިއަކު 33 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.