07 Dec 2014, 12:20
އެމްޑަބްލިއުއެސްސީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ދިމާވެފައިވާ ފެނުގެ މައްސަލަ އެއްކޮށް ހައްލު ކުރުމަށް 20 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް، ފެނުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އުފެއްދެވި ޓާސްކް ފޯސް އިން ބުނެފި އެވެ.
މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމުގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފައްދަވާފައިވާ ޓާސްކް ފޯހުން މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އަލިފާން ރޯވުމުން ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ.
"މި ލިބުނު ގެއްލުމަކީ އަޅުގަނޑުމެންނަށް އެކަން ފޫބެއްދުމަށް ޓަކައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާނެ ކަމެއް ކަމަށް މިހާރު މިވަނީ އަންދާޒާ ކުރެވިފައި. އަޅުގަނޑުމެންނަށް މިއަދު ހެނދުނު ލިބުނު އެސެސްމެންޓަށް ބަލާއިރު، ގާތްގަނޑަކަށް މިކަމަށް 20 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އަޅުގަނޑުމެންނަށް މިވަނީ އަންދާޒާ ކުރެވިފައި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެކަމަށް ބޭރުގެ އެކި ފަރާތްތަކުން މިހާރު ވެސް އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް 1.5 މިލިއަން ޑޮލަރުގެ އެހީއެއް ބޭރުގެ އެކި ފަރާތްތަކުން ލިބިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އެހެންކަމުން ސަރުކާރުން މިހާރު ނިންމާފައި މިވަނީ މިކަމަށް އަޅުގަނޑުމެން ފައިސާ ހޯދުމަށް ޓަކައި ދިވެހި ވިޔަފާރިވެރިންނަށާއި އަދި ބޭރުގެ އެކިއެކި ފަރާތްތަކަށް އާންމު ގޮތެއްގައި މިކަން ހުޅުވާލުމަށް. އެހެންކަމުން އަޅުގަނޑު އެދެނީ އަޅުގަނޑުމެންނަށް މިލިބުނު ގެއްލުން ފޫބައްދައި، އަޅުގަނޑުމެން އާންމު ހާލަތަކަށް ބަދަލުކުރުމަށް ޓަކައި ބޭނުންވާ 20 މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ހަމަކުރުމަށް ޓަކައި ހުރިހާ ފަރާތްތަކުން ވެސް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުން،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިރޭ 10:00 އިން ފެށިގެން 12:00 އަށް ދެގަޑިއިރަށް މުޅި މާލެއަށް ފެން ފެން ދޫކުރާނެ ކަމަށެވެ. އަދި މިއަދު މެންދުރު 2:00 އިން ފެށިގެން ހުރިހާ ޑިސްޓްރިބިއުޝަން ޕޮއިންޓްތަކުން ވެސް ފެން ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.