ބ.އޭދަފުށީ ފިހާރައެއް ކަމަށްވާ ޔޫސްޕޯޓްސްއާއި ފޭލި ޖަމްއިއްޔާ ގުޅިގެން ކުރިއަށް ގެންދާ އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް 2014 ގައި އިއްޔެ ކުޅުނު ސެމީފައިނަލް މެޗު ކާމިޔަބުކޮށް، މުބާރާތުގެ ފައިނަލުން އޭދަފުށި ޖާގަ ހޯދައިފިއެވެ.

އިއްޔެ ކުޅުނު ސެމީފައިނަލް މެޗު އޭދަފުށި ކާމިޔާބުކުރީ ކިހައިދޫއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ރަނގަޅު ކުޅުމެއް ކުޅުނު އޭދަފުއްޓަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރެވުނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީ، އޭދަފުއްޓަށް މެޗުގައި ލީޑް ނަގައިދިނީ އެ ޓީމްގެ ހުސައިން ޝިމާޒު އެވެ.

މެޗުގެ ދެވަނަ ހާފް ފެށުމާއެކު އޭދަފުށިން ވަނީ އެ ޓީމްގެ ލީޑު ފުޅާ ކޮށްލާފައެވެ. އޭދަފުއްޓަށް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރު އެވެ. އެ ލަނޑާއެކު ކިހައިދޫ ކުރިއަށް ޖެހިލައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައި ވެއެވެ. ކިހައިދޫއަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބު ކުރެވުނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އީމާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އޭދަފުށީ ޓީމްގެ މުހައްމަދު ފާސިރު އެވެ.

މެޗު ކުރިއަށް ދިޔައިރު ކިހާދޫގެ ބެންޗުންނާއި އެ ރަށުގެ ސަޕޯޓަރުން ރެފްރީގެ ނިންމުންތަކާމެދު ހިންހަމަނުޖެހުން ފާޅު ކޮށްފައި ވާއިރު، މެޗުގެ 73 ވަނަ މިނެޓުގައި ރެފްރީ ވަނީ ކިހައިދޫ ބެންޗުގައި އިން ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލާފައެވެ. އެ މެޗަށްފަހު ދެ ޓީމްގެ ސަޕޯޓަރުންގެ މެދުގައި ވަނީ ކުރިމަތިލުންތަކެއްވެސް ހިނގާފައެވެ. އެ ހަމަނުޖެހުން ހުއްޓުވާފައި ވަނީ ފުލުހުންނާއި އާންމުންގެ ބައެއްގެ މަސައްކަތުންނެވެ.

އެ މެޗުގެ ނަތީޖައާ އެކު އޭދަފުށި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވާއިރު، މިދިޔަ އަހަރުވެސް އެ މުބާރާތް ކާމިޔަބު ކުރީ އެ ޓީމެވެ. މީގެ އިތުރުން މިފަހަރުގެ މުބާރާތުގައި އެ ޓީމް ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗު ކާމިޔާބުކޮށް، ގްރޫޕް 'އޭ' ތާވަލްގެ އެއްވަނަ މަގާމު ހާސިލްކޮށްގެނެވެ.

މުބާރާތުގެ ދެވަނަ ސެމީފައިނަލް ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި ފެހެންދޫ އެވެ. ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިން ކުރިއަށް ގެންދާ އެ މުބަރާތުގައި މިފަހަރު އެ އަތޮޅުގެ ހަތް ރަށަކުން ޓީމްތައް ބައިވެރިވެފައި ވެއެވެ.