07 Dec 2014, 12:15
އެމްޑަބްލިއުއެސްސީގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި މާލެ އިން ފެން ކެނޑިފައިވާތީ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރްސީ) އިން ހަދިޔާ ކުރި ފަސް ޓަނުގެ ފެން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ދިވެހި ރެޑް ކްރެސެންޓުގެ ކޮމިއުނިކޭޝަން މެނޭޖަރު ޝަފާ މުސްތަފާ މިއަދު ވިދާޅުވީ އެ ޖަމިއްޔާގެ ފަރާތުން އައިއެފްއާރްސީއާ ގުޅިގެން ޖުމުލަ 30 ޓަނުގެ ފެން ޔަގީންކޮށްފައި ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓާކިޝް އެއާލައިންގެ ފްލައިޓަކުން މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ ގެނައީ އެ 30 ޓަނުގެ ތެރެއިން ފަސް ޓަނުގެ ފެން ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ފަސް ޓަނުގެ އިތުރު ފެނުގެ ޝިޕްމަންޓްތައް އަންނަމުންދާނީ އިނގޭތޯ." ޝަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ބޭފުޅުންނާއި ދިވެހި ރެޑް ކްރެސެންޓުގެ ބޭފުޅުން ވެގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަސްމީ ގޮތުން ފެނުގެ ކޮންސައިންމަންޓް ޓާސްކް ފޯސް އާ ހަވާލު ކުރާނެ ކަމަށެވެ.
މާލެ އަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އަމިއްލަ ޖަމިއްޔާތަކުންނާއި ވިޔަފާރިވެރި ކުންފުނިތަކުން ވެސް ދަނީ އެކި ފަރާތްތަކާ ގުޅިގެން އެހީ ފޯރުކޮށްދެއްވަމުންނެވެ.