ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި މިސްރުގެ ކަންކޮޅުތަކުގައި މުޒާހަރާކުރަމުންގެންދާ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންނުކުރާނެ ކަމަށް މިސްރުގެ ސިފައިންގެ ލަޝްކަރުތަކުން ފުރަތަމަ ފަހަރަށް ބުނެފިއެވެ.

މިސްރު ސިފައިންގެ ފަރާތުން ވާހަކަ ދެއްކި ޢަސްކަރީ ތަރްޖަމާން ލެފްޓިނެންޓް ޖެނެރަލް އިސްމާޢީލް ޢުޘްމާން ވިދާޅުވީ މިސްރު ރައްޔިތުންގެ ބޭނުންތައްކަށް ސިފައިން ހުރަސްނާޅާނެ ކަމަށާއި މިނިވަންކަމާއެކު ވާހަކަދައްކައި ޚިޔާލުފާޅުކުރުމުގެ ހުރިހާ ޙައްޤެއް މިސްރުގެ ރައްޔިތުންނަށް ލިބިގެންވާ ކަމުގަ އެވެ. އަދި ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި ރައްޔިތުން ހިންގާ ސުލްޙަވެރި ޙަރަކާތްތަކަށް ސިފައިން ހުރަސްއަޅައި ގޯނާ ނުކުރާނެ ކަމަށާ އެއްވެސް ޙާލެއްގައި މިސްރުގެ ސިފައިން މިސްރުގެ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރު އުފުލައި ބާރުގެ ބޭނުން ނުކުރާނެ ކަމަށްވެސް މިސްރު ސިފައިންގެ ތަރްޖަމާން ވިދާޅުވި އެވެ.

މިއީ މުބާރަކް ވައްޓާލުމަށް ރައްޔިތުން ހިންގާ ޙަރަކާތްތައް ޤަބޫލުކޮށް ބަލައިގަންނަކަން މިސްރުގެ ސިފައިން ހާމަކުރި ފުރަތަމަ ފަހަރެވެ. މިއީ މުބާރަކްގެ ވެރިކަމަށްވުރެ ސިފައިންނަށް މުހިއްމީ ރައްޔިތުންކަން ހާމަކޮށް ސިފައިންގެ ލަޝްކަރުތަކުން މުބާރަކަށް ދިން ނުސީދާ އިންޒާރެއްކަމަށް މުރާސިލުން ސިފަކުރެ އެވެ.

ތޫނިސްގެ ކުރީގެ ރައީސް ޒައިނުލްއާބިދީން ބިންޢަލީ ވެސް ވެރިކަން ދޫކުރައްވައި ޤައުމުން ބޭރަށް ފިއްލަވައިވަޑައިގަތީ އޭނާގެ ވެރިކަން ސަލާމަތްކުރުމަށްޓަކައި ސިފައިން ރައްޔިތުންނާ ދެކޮޅަށް ބާރުގެބޭނުން ނުކުރާނެކަން ސިފައިންގެ އިސްޖެނެރަލުން ބިންޢަލީއަށް ދެންނެވުމާ ގުޅިގެން ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މިސްރު ސިފައިންގެ ތާއީދު ރައީސް މުބާރަކަށް އަދި އެބައޮތް ކަމަށާ ނަމަވެސް ރައްޔިތުންގެ މުޒާރަހާތައް ހުއްޓުމަކަށް ނައިސް ދިގުދެމި އެކަމުގެ ސަބަބުން މިސްރުގެ އިޤްތިސާދު ފުނޑުފުނޑުވަމުންދާނަމަ މުބާރަކަށް މިހާރުއޮތް ސިފައިންގެ ތާއީދު ގެއްލި ވެރިކަން ދޫކުރައްވައި ޤައުމުން ބޭރަށް ވަޑައިގަތުން ނޫންގޮތެއް މުބާރަކަށް ނޯންނާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މިސްރަކީ މައިގަނޑު ގޮތެއްގައި ޓޫރިޒަމާއި ވިޔަފާރީގެ މުޢާމަލާތްތަކުގެ މައްޗަށް އިޤްތިސާދު ބިނާވެފައިވާ ބިޔަ ޤައުމަކަށްވާތީ މިހާރު މިސްރު އޮތް ޙާލަތު މާގިނަދުވަހު މިސްރުގެ އިޤްތިސާދަށް ތަހައްމަލެއް ނުކުރެވޭނެއެވެ. މިހާރުވެސް މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން މިސްރުގެ ޓޫރިޒަމަށް ނޭދެވޭއަސަރުކޮށް ވައިގެ ދަތުރުފަތުރު މެދކެނޑި މިސްރުގެ އިޤްތިސާދީ ޙަރަކާތްތަކަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މިހާލަތު މާގިނަދުވަސްތަކަށް ދެމިގެންގޮސް މިސްރު އިޤްތިސާދީގޮތުން އިނދަޖެހުމުގެ ކުރިން މުބާރަކާމެދު ސިފައިން ގޮތެއް ނިންމާނެ ކަމަށްވަނީ ބެލިވިފަ އެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށްމަސައްކަތްކުރާ ފަރާތްތަކުންވަނީ އޭނާގެ ވެރިކަން ނުވެއްޓެނީސް މުޒާހަރާތައް ނުހުއްޓުމަށް ވަޢްދު ވެފައެވެ. އެތަށް މިލިޔަން ބަޔެއްގެ މުޒާހަރާތަކަކަށް މިއަދު ތައްޔާރުވަމުންދާ ކަމަށް ފަހުގެ ޚަބަރުތައް ބުނެއެވެ.
(އަލްޖަޒީރާ)