07 Dec 2014, 12:06
ރާއްޖޭގެ ވޮލީބޯޅަ އެސޯސިއެޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީ ބޯޅަ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ލީގުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
ގައުމީ ވޮލީ ލީގުގެ މިހާރު ކުރިއަށްދާ ދެވަނަ ބުރުގައި ކޮންމެ ޓީމެއް ވެސް ތިން މެޗު ކުޅެފައިވާ އިރު، ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމަކީ ޑީއެސްސީ އެވެ. އެ ލީގުގައި ޑީއެސްސީއާ އެންމެ ގާތުން ވާދަކުރާ ޓީމަކީ ޕޮލިސް ކްލަބެވެ. އެ ޓީމް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.
ވޮލީ ލީގުގައި އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޑީއެސްސީ އާއި ސްޕޯޓްސް ކްލަބް ސިޓީ (އެސްސީސީ) އެވެ. ޑީއެސްސީ ވަނީ އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑީއެސްސީގެ އަޝްފާގް އާދަމް އެވެ.
އެ ލީގުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޕޮލިސް ކްލަބާއި ސްޕޯޓްސް ކަލަބް ގުޑީސް އެވެ. އެ މެޗުވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައި ވަނީ ޕޮލިސް ކްލަބެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޕޮލިސް ކްލަބްގެ އިޝާން މުހައްމަދު އެވެ.
އެއްވަނަ ޑިވިޝަންގެ ޓީމްތަކުގެ މެދުގައި މިހާރު ކުރިއަށްދާ އެލައިޑް އިންޝުއަރެންސް ވޮލީ ލީގުގެ ފުރަތަމަ ބުރުގައި މުޅިއަކު ހަ ޓީމެއް ބައިވެރިވެފައިވެ އެވެ. އެ ހަ ޓީމުގެ ތެރެއިން ދެވަނަ ބުރަށް ދަތުރު ކޮށްފައި ވަނީ ހަތަރު ޓީމެކެވެ. އެއީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ޕޮލިސް ކްލަބް (ޕީއެލްސީ)، ސްޕޯޓްސް ކްލަބް ސިޓީ (އެސްސީސީ) އަދި ސްޕޯޓްސް ކްލަބް ގުޑީސް (އެސްސީޖީ) އެވެ.
އެ ލީގުގެ ދެވަނަ ބުރުގައި ކޮންމެ ޓީމެއްވެސް ހަ މެޗު ކުޅެން ހަމަޖެހިފައިވެ އެވެ. ލީގުގެ މެޗުތައް މާދަމާ ވެސް ކުޅެން ހަމަޖެހިފައިވާ އިރު، މެޗުތަކުގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގަ އެވެ.