07 Dec 2014, 11:15
އެމްޑަބްލިއުއެސްސީގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި މާލެ އިން ފެން ކެނޑިފައިވާތީ، ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަނުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެން ފޯރުކޮށްދެން ފަށައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މާލެގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ކުންފުނިން މާލެގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކީ ބޯފެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ ކުންފުނިން ފެން ގެންނަމުން ދަނީ ޓުރެވިންޑަރަމް އިން ނާއި ޗެންނާއިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެޮފިޝަލް ވިދާޅުވީ އެ ކުންފުނިން މިދިޔަ ހުކުރު ދުވަހުން ފަށައިގެން ފެން ގެންނަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދޮޅު ޓަނުގެ ފެން ގެނެސްފައިވާނެ ކަމަށާއި އަދި ރޭ ވަގުތެއްގައި ފަސް ޓަނުގެ ފެން ރާއްޖެ ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެން ގެނައުމަށް ފަހު އެކުންފުނިން އެމްއެންޑީއެފްއާ ހަވާލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް އެކުންފުނިން ގެންނަމުންދާ ފެން އެމްއެންޑީއެފް އިން މާލޭގެ ރައްޔިތުންނަށް ބަހަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ ހުސައިން އަލީ "ސަން" އަށް ވިދާޅުވީ އައިލެންޑް އޭވިއޭޝަން އިން ގެންނަމުންދާ ފެން މާލޭގައި ގާއިމްކޮށްފައިވާ އެކި މަރުކަޒުތަކުން ބަހަމުންދާ ކަމަށެވެ.
މާލެ އަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ހައްލެއް ލިބުމުމަށް އަދި ދެ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޓާސްކް ފޯހުން ރޭ ވަނީ ބުނެފަ އެވެ.