ގަލްމޫން (ޑިސެމްބަރު 6): ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތުން އަސީރުކޮށްފައިވާ ލުބްނާން ސިފައިންގެ މީހަކު މަރާލައިފި އެވެ.

ނުސްރާ ޖަމާއަތުގެ ތަރްޖަމާނަކު ޓްވިޓަރގައި ބުނެފައި ވަނީ އެޖަމާއަތުގެ އަތްދަށުގައިވާ ލުބްނާނު ސިފައިންގެ އަސީރެއް ކަމަށްވާ އަލީއަލްބައްޒާލް މަރާލީ އެޖަމާއަތުގެ އިސްލީޑަރުންގެ އަނބިންގެ ގޮތުގައި ގެންގުޅޭ ގިނަ އަދަދެއްގެ އަންހެނުން ނާއި އެޖަމާއަތަށް ނިސްބަތްވާ ކުޑަކުދިންތަކެއް ލުބްނާން ސިފައިންގެ އަތްދަށުގައި ހައްޔަރުކޮށްފައިވާތީ ކަމުގަ އެވެ. ލުބްނާން ސިފައިންގެ އަސީރު މަރާލުމަކީ ނުސްރާ ޖަމާއަތުގެ އިސްލީޑަރުންގެ އަނބިންނާއި އެޖަމާއަތުގެ ހަނގުރާމަވެރިންގެ ދަރިންގެ ހައްގުގައި ކުރި ވަރަށް އާދައިގެ ކަމެއްކަމަށް ވެސް އެޖަމާއަތުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެ އެވެ.

ލުބްނާނުގެ ސަރުކާރުން ވަނީ ސީރިޔާއާއި އެގައުމުގެ ގުޅިފައިވާ ސަރަހައްދީ ރޮނގު ހުރަސްކޮށް ހުއްދައަކާނުލައި ވަން އަންހެނުންތަކަކާއި ކުޑަކުދިންތަކެއް އެގައުމުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން މިދިޔަ ހަފްތާގައި ހާމަކޮށްފަ އެވެ. މިގޮތަށް ހައްޔަރުކުރި އަންހެނުންގެ ތެރޭގައި އިރާގާއި ސީރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކްރުލްބަޣްދާދީގެ އަނބިންގެ ތެރެއިން އަންބަކާއި އޭނާގެ ދަރިއަކު ވެސް ހިމެނޭކަން ލުބްނާން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތަކީ އަލްގާއިދާއަށް ނިސްބަތްވާ ޖަމާއަތެކެވެ.

ޖަބްހަތުއްނުސްރާ ޖަމާއަތާއި އައިއެސް ޖަމާއަތަކީ ވަރަށް ހަތުުރުވެރި ދެ ޖަމާއަތެވެ. ފާއިތުވި ދެ އަހަރު ތެރޭގައި އެދެޖަމާއަތުން އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ކުރި ހަނގުރާމައާއި ހިންގި ތަޅާފޮޅުމުގެ އަމަލުތަކުގައި ދެ ފަރާތުން ވެސް އެތައް ސަތޭކަ ބަޔަކު މަރުވެފައިވެ އެވެ. ނަމަވެސް އެމެރިކާ އިސްވެ އޮވެގެން އައިއެސް ޖަމާއަތާ ދެކޮޅަށް ހަމަލާތައް ދޭންފެށުމާ އެކު މިދެޖަަމާއަތުގެ ވާދަވެރިކަމާއި ހަތުރުވެރިކަން ކުޑަވެގެން ގޮސްފައިވެ އެވެ. ޖަބްހަތުއްނުސްރާ ޖަމާއަތުން އަަސީރުކޮށްފައިވާ ލުބްނާން ސިފައިންގެ މީހާ މަރާލާފައި ވަނީ އޭނާގެ ބޮލަށް ބަޑިޖަހައިގެން ކަމަށް ޚަބަރު ލިބެ އެެވެ. (އަލްޖަޒީރާ)