07 Dec 2014, 10:42
އިސްލާމް އާބާދު (ޑިސެމްބަރު 7): ޕާކިސްތާނުގެ ގަބީލާތަކުގެ ސަރަހައްދު ކަމަށްވާ ވަޒީރުސްތާން ސަރަހައްދުގައި ހަރަކާތްތެރިވާ އަލްގާއިދާ ހަނގުރާމަވެރިންގެ އެންމެ އިސް ކޮމާންޑަރު އަދްނާން ޝުކްރީ ޖުމްޢާ މަރާލެވިއްޖެކަން ޕާކިސްތާނުން ހާމަކޮށްފި އެވެ.
ޕާކިސްތާނުގެ ސިފައިން ބުނީ ޖުމްޢާ މަރާލެވުނީ ވަޒީރުސްތާނުގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޝިނުވާރްސާކްގައި އިއްޔެ ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ކަމުގަ އެވެ. ވަޒީރުސްތާނަކީ ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ސަރަހައްދެކެވެ. ރިޕޯޓްތައް ބުނާގޮތުން ސައޫދީ ރައްޔިތެއް ކަމަށްވާ ޖުމްއާ މަރުވީ ވަޒީރުސްތާނުގެ ދެކުނުގައި އޭނާ ދިރިއުޅުނު އިމާރާތަށް ޕާކިސްތާނުގެ އަސްކަރީ ހެލިކޮޕްޓަރަކުން ދިން ރޮކެޓް ޙަމަލާތަކެއްގަ އެވެ.
ޖުމްޢާއަކީ އެމެރިކާގެ ނިޔުޔޯކްގެ ބިމުއަޑީގެ މެޓްރޯ ރޭލްވޭ ސްޓޭޝަނަކަށް ބޮމުގެ ޙަމަލާތަކެއް ދިނުމަށް ރޭވިކަމަށް ތުހުމަތުކޮށް އެމެރިކާއިންކޮށްފައިވާ މީހެކެވެ. ނަމަވެސް އޭނާ އަތުލައިގަތުމަށާއި އޭނާ އުޅޭ ތަނެއް ދެނެގަތުމުގައި އެމެރިކާގެ ޖާސޫސީ އިދާރާވަނީ ނާކާމިޔާބުވެފައެވެ. ޖުމްޢާ ޕާކިސްތާނުގައި އުޅޭކަން ދެނެގެންފައިވަނީ ވެސް ޕާކިސްތާނުގެ ޖާސޫސީ އިދާރާއިންނެވެ. މިމަޢްލޫމާތާ އެކު ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން ޖުމްޢާއަށް ފާރަލަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަަމަށް ޚަބަރުތައް ބުނެ އެވެ. އެމެރިކާ ވަނީ ޖުމްޢާއާބެހޭ މަޢްލޫމާތު ހޯދުމަށް ނުކުޅެދުމުން އޭނާއާ ބެހޭ މަޢްލޫމާތު ފޯރުކޮށްދިން ފަރާތަކަށް 5 މިލިޔަން ޑޮލަރުގެ އިނާމެއް ހުށަހަޅާފަ އެވެ. (އަލްޖަޒީރާ)