އާއިލީ މައްސަލަ ހައްލު ކުރާނީ ތިމާގެ މީހުންނާ ވާހަކަ ދައްކައިގެންނެވެ. ދެމެފިރިންގެ ގުޅުންތައް ހައްލު ކުރާނީ، ދެ މަފިރިންނެވެ. ދެމަފިރިންނަށް ހައްލު ނުކުރެވޭ ނަމަ އެކަން ކުރާނީ ދެ ފަރާތުގެ އާއިލާއިންނެވެ. ކަމެއް ހިނގާ ކޮންމެ ފަހަރަކު ކަމާނު ބެހޭ ބައެއްގެ ކައިރީގައި "ޗުކުޗުކު ތެޅުވުން" ރަނގަޅެއް ނޫނެވެ. ޒާތީ ދިރިއުޅުމާ ބެހެން އެހެން ބަޔަކަށް ފުރުސަތު ދިނުމަކީ "ލަދުވެތި" ކަމެކެވެ. އެއީ ދިރިއުޅުން ހަލާކުވުމުގެ އަސްލެކެވެ. ހަމަ އެހެންމެ ހާލަތާ ނުބައްދަލު ގޮތެއްގައި ދުނިޔޭގައި "ސަލާމް ޖެހުމަކީ" އެފަދަ ކަމެކެވެ.

ރާއްޖެ ފަދަ ކުޑަ ގައުމުގެ ދާހިލީ ގުޅުމަކީ ވެސް އެފަދަ ނާޒުކު ގުޅުމެކެވެ. "ކާޅު ކެޔަސް، ސޮއް" ގޮވަން ބޭރު ފަރާތްތަކަށް ފުރުސަތު ދީގެންނުވެ. ހިތާމައަކީ މާލެއަށް ދިމާވެފައިވާ ހައްސާސް ދަނޑިވަޅުގައި ވެސް ބޭރު ބަޔަކު "ދަނޑިބާނަން" ފުރުސަތު ދޭތީ އެވެ.

މިއީ އެއްބައިވާންވީ ވަގުތެވެ. ގައުމުގެ ދިފާއުގައި މަސައްކަތް ކުރަންވީ ވަގުތެކެވެ. ގިނަ ދިވެހިންގެ ތެރެއިން ފެންނަނީ އެ މަންޒަރެވެ. އެންމެން އެކައްޗަކަށް ވެގެން މާލެއަށް ދިމާވެފައިވާ ފެން ނުލިބުމުގެ މައްސަލަ ހައްލު ކުރަން "ފޫގަޅައިފި" އެވެ. ސަރުކާރުގެ އިސްވެރިންނާއި ނޫސްވެރިންނާއި އާންމު ރައްޔިތުން ވެސް ނުނިދާ ހޭލާ ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހިތާމަވެރިކަމަކީ މި ދަނޑިވަޅުގެ ބޭނުން ހިފައިގެން ގައުމު ބަދުނާމު ކުރެވޭތޯ މަދު ދިވެހިންތަކެއް މަސައްކަތް ކުރާތީ އެވެ.

އެފަދަ ހާއިނުން ކުރާ މަސައްކަތަކީ ދިވެހި ގައުމަށް އާ ކަމެއް ނޫނެވެ. ގައުމުގެ މަލަމަތި ބަނަވާ ކޮންމެ ފަހަރަކު އަރަނި ވަންނަ ދޮރުތަކުގައި ތަޅު އަޅުވަން އެފަދަ މީހުން ތިބީ ކެތް މަދުވެފަ އެވެ. ފަތުރުވެރިންގެ ބޮލަށް ސަވާރުވެ، ރާއްޖެއަކީ ބިރުވެރިތަނެއްކަން ސިފަކުރުމަށް އެބަ މަސައްކަތް ކުރެ އެވެ. މިއީ ވަރަށް ފުޅާކޮށް ރޭވިގެން ހިންގާ ކަމެކެވެ. މާލެއަށް ދިމާވެފައިވާ ފެނުގެ ކާރިސާގެ ހާލަތުގައި ވެސް އެ މަސައްކަތް އެބަ ތަކުރާރުކުރެ އެވެ.

މާލޭގެ ފެނަށް ޖެހިފައިވާ މައްސަލަ ބޭރުގެ ބައެއް ނޫސްތަކުގެ ފަލަ ސުރުހީތަކަށް އެރީ "ހުތުރު" ގޮތަކަށެވެ. ބަޔަކު އެކަން ކުރީ ރާއްޖޭގެ ނަން ހަޑިވާގޮތަށެވެ.

އޮސްޓްރޭލިއާގެ އޭބީސީ ނޫހުގައި ބައެއް ދިވެހިން ދީފައިވާ އިންޓަވިއުތަކަށް ބަލާއިރު ފެނުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ސިފަކޮށްދީފައިވެެ އެވެ.

"ސަރުކާރުން ގަބޫލު ކުރާ ގޮތަށްވުރެ، މި މައްސަލަ[މާލެ ފެނުގެ މައްސަލަ] މާ ސީރިއަސް،" އެ ނޫހަށް މައުލޫލާތު ދިން އާންމު ރައްޔިތަކު ބުނި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އެނޫހުގައި ދިވެހިން ދީފައިވާ އިންޓަވިއޫތަކަށް ބަލާއި ހަގީގަތާ ހިލާފު އެހެން ކަންކަން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ މެންދުރުވަންދެން ގިނަ މީހުން ތިބީ ބޯނެ ފެންފޮދެއް ނުލިބި ކަމަށް ބުނެފައިވެ އެވެ.

ދިވެއްސެއް ބިދޭސީއެއް ތަފާތެއް ނުކޮށް ފެން ދޫކުރަމުންދާ އިރު ބިދޭސީއިންނަށް ފެން ދޫ ނުކުރާ ކަމަށް ސިފަވާގޮތަށް ޝައުނާ ނަމަކަށް ކިޔާ ދިވެއްސަކު އެ ނޫހަށް ބުނެފައިވެ އެވެ. "ދިވެއްސަކަށް ވީތީ ފެން ދޫކުރަނީ އައިޑީކާޑު ހިފައިގެން ދިއުމުން، ދެން ކިހިނެއްތޯ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއިން ފެން ހޯދަނީ،"

އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފެން ދޫކުރުމުގައި ބިދޭސީއިންނާއި ދިވެހިން ތަފާތު ކުރުންތައް ގެންގުޅެމުންދާ ކަމަށާއި އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ބަނގުލަދޭޝް އާއި ލަންކާ އަދި އިންޑިއަގެ މީހުން ފެން ކިޔުއިން ބޭރަށް ދިއުމަށް މަޖުބޫރު ކުރި ކަމަށް އެ މީހުން ބުނި ކަމަށް އެ ނޫހުގައި ރިޕޯޓްފައިވެ އެވެ. އެ ނޫހުން ގިނަ މައުލޫމާތު ނަގާފައި ވަނީ ގިނަ ދިވެހިންގެ ތެރެއިން ބަޔަކު އެ ނޫސް ޓެގްކޮށް ކޮށްފައިވާ ޓުވީޓްތަކަކުންނެވެ.

ފެން ފޯރުކޮށްދިނުމަށް ރާއްޖޭގައި ދާއިމީ ހައްލެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގައި ފެން ހޯދުމަށް ދަތިތަކާ ކުރިމަތިވަނީ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތަކުން ރިޕޯޓްކޮށްފައިވެ އެވެ. ރިސޯޓްތަކުން ފެން ލިބޭނެ ކަމަށް ހަބަރުތަކުގައި ބުނެފައި ވިޔަސް ގައުމު އޮތް ހާލަތަށް ވުރެ ކަންކަން ބިރުވެރިކުރަން އެ ނޫސްތަކަށް މައުލޫމާތު ދިން ދިވެހިން މަސައްކަތްކޮށްފައިވެ އެވެ.

ބައެއް ހާލަތްތަކުގައި އެންމެ އެދެވޭ ގޮތަށް ކަންކަން ނުވެދާނެ އެވެ. ނަމަވެސް އެއީ ގައުމު ބަދުނާމް ކުރަމުން ނުވަތަ ގައުމަކީ ބިރުވެރިތަނެއްގެ ގޮތުގައި އެހެން މީހުންނަށް ސިފަކުރަމުން ދުވަންވީ ވަގުތެއް ނޫނެވެ. ކުއްޖަކު އިސްލާހުކުރަން އެދޭ ނަމަ ބަދުނާމް ނުކޮށް ހެޔޮ މަގު ދައްކާށެވެ. ހަގީގަތުގައި ކަންކަން އިސްލާހު ކުރަން އުޅޭ މީހުން އަމަލު ކުރަންޖެހޭ ގޮތަކީއެއީ އެވެ.

މާލެ ފެނަށް ޖެހިފައިވާ ދަނޑިވަޅުގައި ބިދޭސީން "ހޭލަމޭލަށް" އުޅޭ ގޮތަކުން ބަޔަކު ބަދުބަސް ބުނެފާނެ އެވެ. ދިފާއުގައި އެ މީހުން "ހަމަ އިސްކޮޅަށް" ތެދުކުރަން ތިބޭ ދިވެހިން މަދެއް ނޫނެވެ. އެތައް ހާސް ބިދޭސީންނެއް ދަނީ ދިވެހިންނެކޭ އެއްފަދައިން ފެން ހޯދަން ކަންކަން މައްޗަށް އެއްވަމުންނެވެ. އެހެންކަމުން "ހަލާދަނޑީގެ ދެކޮޅު ބެލުމަށްފަހު،" ވާހަކަ ދައްކާށެވެ.

އެފަދަ ކަންކަމާ ގުޅިގެން ޓާސްކް ފޯހުގެ އިސް ވެރިޔާ އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ފެން ދޫކުރުމުގައި އެއްވެސް ބަޔަކާ މެދު ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށެވެ. އެއީ ސޯޝަލް މީޑިއާގައި ދައްކާ ދޮގު ވާހަކައެއް ކަމަށެވެ.

"އަޅުގަނޑުމެން ބިދޭސީއެއް ދިވެއްސެއް ތަފާތުނުކޮށް ފެން ފޯރުކޯށްދެމުން ދަން،" ނާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ފެން ދޫކުރަމުންދާ ގޮތަށް ބަލައި އެއްވެސް ބޭފުޅަކު މާލޭގައި ދިރިއުޅޭ ރައްޔިތަކު މިކަމާ ގުޅިގެން ކަންބޮޑުވާން ޖެހޭ ކަމެއް އޮތް ހެނެއް ހިޔެއްނުވޭ."

ހަގީގަތް ވަރަށް ސާފެވެ. ގައުމަށް ދިމާވެފައިމިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ދިފާއީ ބާރުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރުން ފެން ކުންފުނީގެ މުއައްޒަފުން ވެސް ދަނީ ނުނިދާ ހޭލާތިބެ މަސައްކަތް ކުރަމުންވެ. އަދ އާންމު ރައްޔިތުންގެ ތެރެއިން ގިނަ މީހުންދަނީ ހާލަތައް ޝުކުރުވެރިވެ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އާއިލާތަކާއި ދުރުގައި އުފާތަކުން މަހުރޫމްވެ މައްސަލަ ހައްލުކުރުމަށް އެތައް ބަޔަކު ދަނީ ގުރުބާންވަމުންނެވެ. ނަމަވެސް ބޭރުން މިދަނީ ބަދުނާމް ކުރަމުންނެވެ.