ބްރަސަލްސް (ޑިސެމްބަރު 7): އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީ.އެލް.އޯ) އިން އިޢްލާން ކޮށްފައިވާ މިނިވަން މުސްތަގިއްލު ދައުލަތަށް ގަބޫލުކުރުމަށް ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާ ގަރާރެއްގެ ދެލިކޮޕީ ޔޫރަޕިޔަން ޕާލަމެންޓަށް ހުށަހެޅުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ޔޫރަޕްގެ ޕާލަމެންޓާގުޅޭ ދާއިރާތައް ބުނާގޮތުން މިފަދަ ގަރާރެއްގެ ދެލިކޮޕީ މިހާރު ދަނީ ތައްޔާރުކުރަމުންނެވެ. އަދި މިދެލިކޮޕީ މިމަހުގެ 18 ވަނަ ދުވަހު ބާއްވާ ޔުރަޕިޔަން ޕާލަމެންޓްގެ ޖަލްސާއަށް ހުށަހަޅާނެ އެވެ. 1967 ގެ ހަނގުރާމައިގާ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްގަތިއްލު ދައުލަތެއް ގާއިމްކުރިކަން ޕީ.އެލް.އޯ. އިން އިޢްލާންކޮށްފައިވަނީ 1989 ވަނަ އަހަރު އެވެ.

މިއިޢްލާނާއެކު ދުނިޔޭގެ ގިނަ ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވިނަމަވެސް ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ ހުޅަނގު ޔޫރަޕްގެ ގައުމުތައް ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވުމަށް ވަނީ ފަސްޖެހިފަ އެވެ. ނަމަވެސް ފަލަސްތީނުން އިސްރާއީލާއެކު ފެށި ސުލްހައިގެ ވާހަކަތައް 20 އަހަރަށްވުރެ ދިގުލައިގެން ދިޔައިރުވެސް އިސްރާއީލުގެ ގޮތްދޫނުކުރުންތަކާ ގުޅިގެން މިވާހަކަތަކުން ނަތީޖާއެއް ނުނެރެވުމާއި ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ނިގުޅައި ގަނެފައިވާ ފަލަސްތީނުގެ ޙައްގުތައް އަނބުރައި ދިނުމަށް އިސްރާއީލު ކަނޑައެޅިގެން ދެކޮޅުހަދަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ މައްސަލާގައި ޔުރަޕުންެ ވިސްނުންވަނީ ބަދަލުވާންފަށާފަ އެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއްތިރާފްވުމުގެ މައްސަލާގައި ޔޫރަޕުން މިހާތަނަށް ގެންގުޅުނު އިސްރާއީލާ އެއްކޮޅު ވިސްނުން މުޅިން ބަދަލުވާން ފެށީ މިދިޔަ ޖުލައިމަހާއި އޮގަސްޓްމަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށްކުރި އުދުވާނީ ހަނގުރާމައަށްފަހުގަ އެވެ. މިހަނގުރާމައިގާ އިސްރާއީލުން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކަށްފަހު ޔޫރަޕުން ފަލަސްތީނަށް ހަމްދަރްދީވާކަން ޑިޕްލޮމެޓިކް ގޮތުން ހާމަކުރަން ފެށިއެވެ. މިއާއެކު ހުޅަނގު ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްވިޑްންގެ ސަރުކާރުން ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތް މިދިޔަމަހު ގަބޫލުކުރި އެވެ.

އެއަށްފަހު އިނގިރޭސިވިލާތާއި އަޔަރލޭންޑާއި ސްޕޭންއާއި ފަރަންސޭސިވިލާތުގެ ޕާލަމެންޓްތަކުން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާ ގަރާރުތަކެއް ފާސްކުރި އެވެ. އަދި އެންމެފަހުން ޔޫރަޕްގެ އިއްތިޙާދުގެ މައިމަރުކަޒު ހުންނަ ގައުމުކަމަށްވާ ބެލްޖިޔަމްގެ ވެރިކަންކުރާ ކޯލިޝަނުންވެސްވަނީ ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތް ގަބޫލުކުރުމަށް ބެލްޖިޔަމްގެ ސަރުކާރަށް ގޮވާލާ ގަރާރެއް ގެ ދެލިކޮޕީ އެގައުމުގެ ޕާލަމެންޓަށް ހުށަހަޅާނެކަން ހާމަކޮށްފަ އެވެ.

ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޔުރަޕްގެ ސަރުކާރުތަކަށް ގޮވާލައި ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓުން ފާސްކުރަން މަސައްކަތްކުރާ ގަރާރާބެހޭ މަޢްލޫމާތު ލިބުމާއެކު އެކަމަށް ހުރަސްއެޅުމަށް ކުރެވެންހާ މަސައްކަތެއް ކުރާނެކަން އިސްރާއީލުން އިއްޔެވަނީ އިޢްލާންކޮށްފަ އެވެ. ޔޫރަޕިޔަން ޔުނިޔަންއަށް ކަނޑައަޅާފައިވާ އިސްރާއީލުގެ ސަފީރު ޑޭވިޑް ވެލަސްޓިޔަރ ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއްތިރާފްވުމަށް ޔޫރަޕްގެ ގައުމުތަކަށް ގޮވާލައި ޔޫރަޕްގެ ޕާލަމެންޓުން ގަރާރެއް ފާސްކުރުމަކީ އިސްރާއީލަށް ކުރިމަތިވެގެންދާނެ ޑިޕްލޮމެޓިކް ކާރިސާއެއް ކަމަށާ މިކަން ހުއްޓުވޭތޯ ނޫނީ މިކަމުގެ އަސަރު ކުޑަކުރެވޭތޯ ނޫނީ މިގަރާރަށް ތާއީދުކުރާ ޔޫރަޕިޔަން ޕާލަމެންޓްގެ މެންބަރުންގެ އަދަދު މަދުކުރެވޭތޯ ޑިޕްލޮމެޓިކް ވަރުގަދަ ކޭންޕޭނެއް ޔޫރަޕަށް އަމާޒުކޮށްގެން ފަށާނެ ކަމުގަ އެވެ.
މިކަމާދެކޮޅަށް އިސްރާއީލުން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް މިގަރާރު ޔޫރަޕްގެ ޕާލަމެންޓުން ފާސްވުމުގެ ފުރްސަތު ވަރަށް ބޮޑުކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)