ހއ. މުރައިދޫ އެކުވެރިންގެ ރޫހުން އިންތިޒާމް ކޮށްގެން ބޭއްވި 15 ވަނަ ކިންގް ކަޕުގެ ޗެމްޕިއަންކަން އެފްސީ ބާކްފޮކް އިން ހޯދައިފި އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށި އެ މުބާރާތުގައި ހަ ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ ކެލާ އޯލް އެޓޭކް އާއި ޔަންގް ވިކްޓްރީ އާއި އޮމެލީ އާއި ކިސިއަން އާއި އެފްސީ ޔޯ އަދި ޗެމްޕިއަން ޓީމް، ބާކް ފޮކްސް އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު ފައިނަލް މެޗުން ބާކްފޮކްސް މޮޅުވީ އެފްސީ ޔޯ އާ ބައްދަލުކޮށް 3-0 ލަނޑުންނެވެ. މުރައިދޫ ދަނޑުގައި ކުޅުނު އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އެފްސީ ޔޯގެ އަހްމަދު ނައުފަލް އެވެ.

މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ވެސް ނައުފަލް އެވެ. އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ކިސިއަން ޓީމުގެ ހަސަން ރިޟުވާނު އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވީ އޯލް އެޓޭކެވެ. ފެއާ ޕްލޭޔާގެ މަގާމަށް ހޮވީ ހުސައިން ރަޝީދެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވީ އަބްދުﷲ ރަޝީދެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާ ފައިސާގެ އިނާމު ހަވާލު ކޮށްފައިވާއިރު އިތުރު އެހެން މަގާމުތަކަށް ދިޔަ ޓީމުތަކާއި ކުޅުންތެރިންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލު ކޮށްފައިވެއެވެ.

އެ ރަށުގައި މިދިޔަ އަހަރު ބޭއްވި 14 ވަނަ ކިންގް ކަޕުގެ ޗެމްޕިއަންކަން ހޯދީ މިފަހަރުގެ ރަނަރަޕް ޓީމު އެފްސީ ޔޯ އެވެ.