އެމްޑަބްލިއުއެސްސީގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި މާލެ އިން ފެން ކެނޑިފައިވާއިރު އެ މައްސަލަ މުޅިން ހައްލުކުރުމަށް ދެ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޓާސްކް ފީސް އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓާސްކް ފޯހުގެ އިސް ވެރިޔާ އަދި ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ދަތިތައް ހައްލުވާ ވަރަށް ފެން އުފެއްދޭނެ ކަމަށާއި ނަމަވެސް މުޅި މައްސަލަ ހައްލުކުރެވޭ ވަރުވާނީ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ. ކުރިއަށް އޮތް ދެ ދުވަހެއް ނުވަތަ ތިން ދުވަހެއްގެ ތެރޭގައި ރައްޔިތުން ބޭނުންވާ ފެނުގެ 50 ޕަސެންޓް ފޯރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުޅި ހައްލަކަށް މިބަލަނީ ދެ ހަފްތާ، މުޅި 100 ޕަސެންޓް ލިބިގެންދާނެ، ނަމަވެސް ރައްޔިތުންނަށް ދަތިކަމެއް ދިމާނުވާ ގޮތަށް ހަފްތާއެއްގެ ތެރޭގައި ލިބިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައި ނާޒިމް ވިދާޅުވީ މިހާރު ދެ ޕަންޕެއް ރަނގަޅުކުރެވި ދަނީ ފެން އުފެއްދެމުން ކަމަށާއި އެއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިރޭ ފެން ދޫކުރުމުގެ ބަދަލުގައި މާދަން 8:00 އިން ފެށިގެން ދެ ގަޑިއިރަށް ފެން ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ ގިނަ ބަޔަކަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށް ވިދާޅުވި އެވެ.

"ދެ ގަޑިިއިރަށް ފެން ދޫކުރުމުގެ ބޭނުމަކީ އިމާރާތްތަކުގެ މަތީ ބުރިތަކަށް ފެން ފޮނުވުމަށް ޕްރެޝަރު ބިލްޑް ކުރުން." މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އިތުރަށް ފެން ފޯރުކޮށްދިނުމަށް 27 ސަރަހައްދެއް ކަނޑައެޅުން އެސަރަހައްދުތަކުން ފެން ދޫކުރަން ނިންމާފައިވާ ކަމަށާއި އެ ސަރަހައްދުތައް ކަނޑައެޅީ ގޭބިސީގެ ނިސްބަތައް ބަލައިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދުތަކުން ފެން ދޫކުރާނީ ފެން އަޅާނެ އެއްޗެއް ހިފައިގެން ދިއުމުން ކަމަށެވެ. އަދި މިހާރު ދޫކުރާ 10 ސަރަހައްދުން ވެސް ފެން ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފެން ދޫކުރަމުންދާ ގޮތަށް ބަލައި އެއްވެސް ބޭފުޅަކު އާއި މާލޭގައި ދިރިއުޅޭ ރައްޔިތަކު މިކަމާ ގުޅިގެން ކަންބޮޑުވާން ޖެހޭކަމެއް އޮތް ހެނެއް ހިޔެއްނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފެން ނުލިބިދާނެތީ ގިނަ ބަޔަކު ފެން އެއްކުރާތީ ބައެއް ފަރާތްތަކަށް ފެން ލިބުމުގައި ދަތިކަމެއް ދިމާވާ ކަމަށާއި ބޭނުންވާ ވަރަށް އެކަނި ފެން ނެގުމަށް އިލްތިމާސް ކުރާކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މާލޭގައި އެއްވެސް ކަހަލަ ބަލިމަޑުކަމެއް އޮތްކަހަލަ އަލާމަތެއް ނެތް ކަމަށާއި އަމިއްލަ ފަރާތްތަކުން ދޫކުރާ ފެން ބޭނުން ކުރުމުގައި ސަމާލުވުމަށް މިނިސްޓަރު ނާޒިމް އިލްތިމާސްކުރި އެވެ.

"ފެން ބުއިމަށް ހާއްސަ ކުރެވިފައިވާ ތަންތަނުން ފެން ގެންދަވައިގެން ބޯން ޖެހޭނީ. އަމިއްލަ ފަރާތްތަކުން ދޫކުރާ ފެން ބުއިމަކީ ރައްކާތެރިކަމެއް ނޫން." މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.