އެމެރިކާގައި އަލަށް ބަންނަމުން އަންނަ މަތިންދާބޯޓް އުފުލޭ ނިއުކްލިއަރ މަނަވަރެއްގެ މައުލޫމާތު ވަގަށް ނަގައި އެމައުލޫމާތު މިސްރަށް ފޯރުކޮށްދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އެމެރިކާގެ އިންޖިނޭރަކު ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އޭޕީ ބުނީ މުސްތަފާ އަހުމަދު އައްވާދު ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ އެމީހާ ހޯދީ މިސްރުގެ ޖާސޫސީ ސިފައިންގެ މީހަކަށް ވެގެން ހުރި އެފްބީއައި އެޖެންޓެއް ކަމަށެވެ.

މިސްރުން ބޭނުންކުރާނެ ޓެކްނޮލޮޖީ އޭނާގެ މަގާމުގެ އިތުބާރު ބޭނުންކޮށްގެން ހޯދަން ގަސްދު ކުރާ ކަމަށް އެފްބީ އައި އެޖެންޓް ގާތުގައި މުސްތަފާ ބުނި ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. މުސްތަފާ ހޯދަން މަސައްކަތް ކޮށްފައި ވަނީ އެމެރިކާއިން މިހާރު ބަންނަމުން އަންނަ ޔޫއެސްއެސް ގެރަލްޑް. އާރް. ފޯޑް ނަމަކަށް ކިޔާ މަނަވަރެއްގެ މައުލޫމާތު ކަމަށް ވެސް އެމެރިކާ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

މުސްތަފާއާ ދެކޮޅަށް އެމެރިކާ ސަރުކާރުން މިހާރު ވަނީ ދެދައުވާއެއް އުފުލާފައެވެ. އެ ދައުވާތައް ސާބިތު ވެއްޖެ ނަމަ އޭނާއަށް 40 އަހަރުގެ ހުކުމެއް އަންނާނެ އެވެ.