06 Dec 2014, 21:48
ސްޕެއިންގެ މަޝްހޫރު ކްލަބެއް ކަމަށްވާ ރެއާލް މެޑްރިޑުން އެ ކްލަބްގެ ހެޑް ކޯޗް ކާލޯ އެންޗެލޮޓީއާ މެދު ވެވިފައިވާ ކޮންޓްރެކްޓް އެއް އަހަރުދުވަހަށް އިތުރު ކޮށްފިކަމަށް ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ މާސާއިން ބުނެފިއެވެ.
މިދިޔަ އަހަރު ރެއާލް މެޑްރިޑްގެ ހެޑް ކޯޗުގެ މަގާމަށް އައްޔަނުކުރެވުނު އެންޗެލޮއްޓީ އެ ކްލަބާއެކު ވެފައިވާ ތިން އަހަރުދުވަހުގެ ކޮންޓްރެކްޓް އަންނަ ސީޒަންގައި ހަމަވާއިރު، މާސާއިން ބުނިގޮތުގައި އެންޗެލޮޓީ ވަނީ އެ ކްލަބަށް އިތުރު އެއް އަހަރު ކޯޗްކަން ކޮށްދިނުމަށް އެއްބަސްވެފައެވެ.
މިދިޔަ ސީސަންގައި ރެއާލް މެޑްރިޑަށް އެ ކްލަބުގެ 10 ވަނަ ޔޫއެފާ ޗެންޕިއަންސް ލީގް ތަށި ހޯދަން އެހީތެރިވެދިން އެންޗެލޮޓީއަކީ ޗެންޕިއަންސް ލީގް ތިން ފަހަރު ކާމިޔާބުކޮށް އެއްފަހަރު އެ ލީގުގެ ދެވަނަ މަގާމް ހޯދިކަމުގެ ރިކޯޑް ހާސިލް ކޮށްފައިވާ ހަމައެކަނި ކޯޗެވެ. އަދި ފީފާއިން ހޮވާ މުޅި ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމަށް މިފަހަރު ނޮމިނޭޓްވެފައިވާ ތިން ކޯޗުންގެ ތެރެއިން އޭނާ ހިމެނޭއިރު، އޭނާއަކީ 1981 ވަނަ އަހަރުން 1991 ވަނަ އަހަރަށް އިޓަލީ ގައުމީ ޓީމްގެ ކޯޗުކަންވެސް ކޮށްދީފައިވާ ކޯޗެކެވެ.
މާސާއިން ބުނި ގޮތުގައި ރެއާލް މެޑްރިޑުން ވަނީ ބްރެޒިލްގެ ކްލަބެއް ކަމަށްވާ ކްރޫޒޭރޯއަށް ކުޅެމުން އަންނަ 21 އަހަރުގެ ލޫކަސް ސިލްވާވެސް އެ ޓީމަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ. މާސާއިން ބުނީ ބްރެޒިލްގެ 20 އަހަރުން ދަށުގެ ޓީމަށްވެސް ކުޅެދީފައިވާ ލޫކަސް 'ދެތިން ދުވަހުގެ' ތެރޭގައި ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށެވެ.
މި ސީސަންގައި ރެއާލްގެ ސްކޮޑަށް އިތުރުކުރި ކުޅުންތެރިންގެ ތެރޭގައި މާކޯ އަސެންސިއޯވެސް ހިމެނެއެވެ. ސްޕެއިންއަށް ނިސްބަތްވާ މި ކުޅުންތެރިޔާއަކީ އުމުރުން 18 އަހަރުގެ ކުޅުންތެރިއެކެވެ. ބާސެލޯނާއިންވެސް އޭނާއާ މެދު ޝައުގުވެރިކަން ފާޅުކުރި މި ކުޅުންތެރިޔާ އަކީ ސްޕެއިންގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އޭނާ މިހާތަނަށް ކުޅެދިން ދެ މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.
ރެއާލް މެޑްރިޑުން ދެން އެންމެ އަވަހަށް ކުޅެން ހަމަޖެހިފައި ވަނީ ލަލީގާ މެޗެކެވެ. އެ މެޗުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ސެލްޓަ ވީގޯ ރެއާލްއަށް ބަލިކުރެވިއްޖެނަމަ، ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗު ކާމިޔާބު ކުރި ބާސެލޯނާގެ ރެކޯޑާއި އެ ޓީމަށް ހަމަހަމަ ކުރެވޭނެއެވެ. 2005-2006 ގެ ސީޒަންގައި މި ރެކޯޑް ހެދި ބާސާ ވަނީ އެ ސީސަންގައި ޖެހިޖެހިގެން ހުރިހާ މުބާރާތެއްގައި މުޅިއަކު 18 މެޗު ކާމިޔާބު ކޮށްފައެވެ.