06 Dec 2014, 18:31
ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ފެން ނުލިބުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށާއި އޭރުން ފެން ދޫކުރާއިރު ދެ ގަޑިއިރަށް ފެން ދޫކުރެވޭނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދާފައިވާ ޕެނަލް ބޯޑުތައް ނޫސްވެރިންނަށް ދައްކާލައިފައިވާއިރު، އެހާދިސާގައި އެކުންފުނިން ފެން އުފެއްދުމަށް ގާއިމްކޮށްފައިވާ ނުވަ ޕެނަލް ބޯޑުގެ ތެރެއިން ހަތް ޕެނަލް ބޯޑުވަނީ ވަރަށް ބޮޑަށް އަނދާފައެވެ. އަދި އެސަރަހައްދުން ގަދަޔަށް އަދިވެސް އަލިފާން ވަސް ދުވައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ފެން އުފެއްދުމަށް ބޭނުންކުރާ ނުވަ ޕުލާންޓާއި ޖަނަރޭޓަރުތައްވެސް ރަނގަޅުކަމަށެވެ. އަދި ގެއްލުން ލިބުނު ޕެނަލްތަކުގެ މައްސަލަތައް ހައްލުކޮށް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ފެން ނުލިބުމުގެ ދަތިކަމުން އަރައިގަނެވޭ ވަރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ފެން ދޫކުރާއިރު ދެ ގަޑިއިރަށް ފެން ދޫކުރެވިގެންދާނެ ކަމަށާއި އޭރުން މަތީ ފުލޯތަކަށްވެސް ފެން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ކުރިއަށްއޮތް 36 ގަޑިއިރު ތެރޭގައި ނުވަތަ 48 ގަޑިއިރުގެ ތެރޭގައި އަޅުގަނޑުމެން މުޅިމި ކުރައިސިސް ގެ ތެރެއިން ނުކުމެވޭވަރު ކޮށްދޭނަން އިރާދަކުރެއްވިއްޔާ" މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
މިހާރު 12 ގަޑިން ފެން ދޫކުރާއިރު، ކުރިއަށްއޮތް 36 ގަޑިއިރު ނޫނީ 48 ގަޑިއިރުގެ ތެރޭގައި އަށް ގަޑިން އަށްގަޑިން ފެންދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި އަދި 48 ގަޑިއރުގެ ފަހުން ހަ ގަޑިން ހަގަޑިޔަށް ފެން ދެމުން ގޮސް 24 ގަޑިއިރަށް ފެން ދިނުމުގެ ހިދުމަތް ކުރިއަށްއޮތް ހަތް ދުވަހާއި 10 ދުވަހާއި ދޭތެރޭ ދެވޭނެ ކަމަށްވެސް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ "ސިންގަޕޫރުން އާ ޕެނަލްތައް ގެންނަން ދެން އުޅެންޖެހޭނީ މިކަހަލަ ގޮތަކަށް" ކަމަށާއި ދެ ޕެނަލެއް އުފެއްދުމުގެ މަސައްކަތް ސިންގަޕޫރުގައި ކުރަމުންދާ ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ނިމޭނެ ކަމަށާއި ނަމަވެސް އެޕެނަލް ގުޅުމަށް ހަތަރު ވަރަކަށް ދުވަސް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް ފޯރުކޮށްދިން ފެނަކީ ރިޒާވްއިން ފޯރުކޮށްދެމުންދާ ފެން ކަމަށާއި މާލެއަށް ގަޑިޔަކު 1800 ޓަނުފެން ބޭނުންވާ ކަމަށެވެ. ފެން އުފެއްދުމަށް ދެވަނަ ޕުލާންޓުގެ މަސައްކަތް މިއަދު ފެށޭވަރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ އަލިފާން ރޯވި ސަރަހައްދަކީ ސެކިއުރިޓީ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ސަރަހައްދަކަށްވާއިރު މިހާތަނަށް ބެލިބެލުމުން އެއީ ބަޔަކު ގަސްތުގައި ކުރިކަމެއްކަމަށް ނުބެލެވޭ ކަމަށެވެ.