06 Dec 2014, 17:26
މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާ ތަހުގީގުކުރަން ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، ތަހުގީގު ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްޑަބްލިއުއެސްސީ އިމާރާތުގެ ސުވިޗް ގިއާ ރޫމުގައި އަލިފާން ރޯވި މައްސަލަ ތަހުގީގު ކުރަމުން ދަނީ ކޮމިޝަނަރު ޕޮލިސް ހުސައިން ވަހީދު އެކުލަވާލައްވާފައިވާ ޚާއްސަ ތަހުގީގު ޓީމަކުން ކަމަށެވެ.
"އިމާރާތުގެ ސުވިޗް ގިއާ ރޫމުގެ ކޭބަލްތަކުގައި އަލިފާން ރޯވި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލާފައި. އަދި އެ ތަހުގީގު ޓީމުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.
ފެންކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި މާލެއިން ފެން ކަނޑާލާފައި ވާއިރު، ފުލުހުންނާ ސިފައިން ދަނީ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ބުރަމަސައްކަތެއް ކުރަމުންނެވެ. އެގޮތުން ފެން ފޯރުކޮށްދޭ މަރުކަޒަތަކަށް ފެން އުފުލުމުގެ އިތުރުން، މާލޭގެ އެކި ހިސާބުތަކުގައި ލޮރީތަކުގައި ފުލުހުންނާއި ސިފައިން ދަނީ ފެންސަޕްލައިކޮށްދެމުންނެވެ.