06 Dec 2014, 16:56
ރާއްޖޭގެ ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ލެވެލް އެކެއްގެ ކްރިކެޓް އަންޕަޔަރު ކަމުގެ ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އެ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ އަންޕަޔަރު ކޯހުގެ ބައިތަށް ސޯލްޓް ކެފޭގައި ކުރިއަށް ގެންގޮސްފައި ވާއިރު، އެ ކޯހުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ މާލެ އެކުވެނި އެއް ނަންބަރު ދަނޑުގައެވެ. މި އަންޕަޔަރު ކޯހުގައި މުޅިއަކު 20 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ތިން އަންހެން އަންޕަޔަރުންނާއި 16 ފިރެހެން އަންޕަޔަރުން ހިމެނޭއިރު، މި ކޯސް ފުރިހަމަ ކޮށްފައި ވަނީ ބައިވެރިވި 20 ފަރާތުގެ ތެރެއިން 17 ފަރާތުންނެވެ.
އެ ކޯހުގައި ކިޔަވަދިން ބައިތަކުގެ ތެރޭގައި ސްޓެންސް އެންޑް ޕޮޒިޝަނިންގް އާއި ވިޝުއަލައިޒިންގް އާއި އޮން ފީލްޑް ނޮން ވާބަލް ކޮމިއުނިކޭޝަން އަދި ގިވިންގް ގާޑް ފަދަ ބައިތައް ހިމެނެއެވެ. އެ ކޯސް ނިންމާލާފައި ވަނީ މިއަދު އެކުވެނި އެއް ނަންބަރު ދަނޑުގައި ގައުމީ ކްރިކެޓް ޓީމް ކުޅުނު ޕްރެކްޓިސް މެޗެއްގައި ހުރިހާ އަންޕަޔަރުން ބައިވެރި ވުމަށްފަހު އެވެ. އަންޕަޔަރުންގެ ފެންވަރު ބެލުމުގެ ގޮތުން ހިންގި އެ ތަމްރީނުގައި ކޯހުގައި ބައިވެރިވި ކޮންމެ އަންޕަޔަރަކުވެސް ވަނީ ހަތަރު އޯވަރުގައި އަންޕަޔަރުކަން ކޮށްފައެވެ. މެޗަށްފަހު ކޯހުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަނީ ބައިވެރިވިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
އެ ކޯހުގެ ބައިވެރިންނަށް ކިޔަވައިދީފައި ވަނީ އޭސީސީގެ ރިސޯސް ޕާސަނަލްއެއް ކަމަށްވާ ބޫމީ ޖަމްލާ އެވެ. 1982 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް 66 ފަސްޓް ކްލާސް ކްރިކެޓު މެޗުގައި އަންޕަޔަރުކަން ކޮށްފައިވާ ބޫމީ އަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ އެލީޓް އަންޕަޔަރެކެވެ. އަދި މީގެ އިތުރުން އޭނާ އަކީ އިންޑިއާގެ ކްރިކެޓް ބޯޑުގައި އަންޕަޔަރުން ތަމްރީނު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ.
ރާއްޖޭގެ ކްރިކެޓް ބޯޑުން ހިންގި އެ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އާއި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އެހީތެރިކަމާއެކު އެވެ.