06 Dec 2014, 16:46
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ގދ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯނޑެއްދޫ އެފްސީ ކާމިޔާބުކޮށްފިއެވެ.
އެ މުބާރާތުގެ ޗެންޕިއަންކަން ހޯނޑެއްދޫ އެފްސީ ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ގައްދޫ ޔޫތު ސޮސައިޓީގެ މައްޗަށް 5-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން، މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
އެ މުބާރާތުގެ ހުރިހާ މެޗަކަށް ބަލާއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައި ވަނީ ގައްދޫ ޔޫތު ސޮސައިޓީގެ ހޫދު އަހްމަދު އެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޯނޑެއްދޫ އެފްސީގެ އަލީ ހައްސާނު އެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ގައްދޫ ޔޫތު ސޮސައިޓީއެވެ.
މުބާރާތުގެ ރަނަރަޕްކަންވެސް ގައްދޫ ޔޫތު ސޮސައިޓީ ހޯދާފައި ވާއިރު، މިއީ އަތޮޅު ފެންވަރުގައި ބޭއްވި މިފަދަ މުބާރާތެއްގެ ޗެންޕިއަންކަން ހޯނޑެއްދު ޓީމެއް ހޯދި ފުރަތަމަ ފަހަރެވެ.