އައްޑު އަތޮޅު ހިތަދޫ ލިންކް ރޯޑްގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކު ޒަހަމް ވެއްޖެ އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު މިރޭ ބުނީ ލިންކް ރޯޑްގައި މިރޭ 8:00 ޖަހާކަން ހާއިރު އެ އެކްސިޑެންޓް ހިނގީ ހިތަދޫ ޕާކު ކައިރީ އޮތް ގޯޅިއަކުން ނުކުތް ސައިކަލަކާ ލިންކްރޯޑުން ދުއްވާފައި ދިޔަ ސައިކަލަކާ ޖެހި ކަމަށެވެ. އަދި ޕާކު ކައިރީ އޮންނަ ގޯޅިން ނުކުތް ސައިކަލު ދުއްވަން އިނީ އަންހެން ކުއްޖެއް ކަމަށާއި ފަހަތުގައި ފިރިހެން ކުއްޖަކު އިން ކަމަށް ވެސް ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ އަދި ބުނީ ލިންކް ރޯޑުން ދުއްވަމުން ދިޔަ ސައިކަލު ގައި ތިބީ ދެ ފިރިހެން ކުދިން ކަމަށެވެ.

އެ އެކްސިޑެންޓްގައި ބޮޑަށް އަނިޔާވެފައި ވަނީ ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލު ދުއްވަން އިން ޒުވާނާ އަށެވެ. އެގޮތުން އޭނާގެ މޫނުގެ އެއްފަޅި ވަރަށް ބޮޑަށް ކަފައިގެން ގޮސް ލޮލުން ވަރަށް ބައިވަރު ލޭ އައިސްފައިވާ ކަމަށާއި އަދި އޭނާގެ ކަނާތު ކޮނޑުކަށިގަނޑު ބިންދައިގެން ގޮސް ފައިވާ ކަމަށް ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެ ޒުވާނާގެ ފަހަތުގައި އިން ކުއްޖާގެ ކަނާތު ފައިގެ ކުޑަ ހުޅާ ހިސާބުން ބިންދައިގެން ގޮސް އެނބުރި ފައިވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައި އެވެ. އަނެއް ސައިކަލު ދުއްވަން އިން އަންހެން ކުއްޖާގެ މޫނުގެ އެއްފަޅި އަށާއި އަނގަމައްޗަށް އެކި ވަރުގެ އަނިޔާ ލިބި އެކުއްޖާގެ އަނގައިން ވަރަށް ބައިވަރު ލޭފޭބި ކަމަށް ވެސް ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އެ އަންހެން ކުއްޖާގެ ފަހަތުގައި އިން ފިރިހެން ކުއްޖާ އަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ މީހާ ބުންޏެވެ.

އެ މީހާ އަދި ބުނީ ހޮސްޕިޓަލުގައި އެތެރެ ހަށީގެ ޑޮކްޓަރެއް ނެތް ކަމަށާއި އަދި އެކްސްރޭ މެޝިނެތް ނެތުމުން އެމީހުންގެ އެތެރެހަށްޓަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާ އެއްކަން ނޭންގޭ ކަމަށެވެ. އަދި އެމެޖެންސީގައި އެމީހުން ގެންދިޔަ ނަމަވެސް ފަރުވާ ދިނުމަށް ބޭނުންވާ އެއްޗެއްސާ ބޭސް ނެތުމުން އެ ކަށީގެންވާ ފަރުވާ އެމީހުންނަށް ނުދެވޭ ކަމަށް ވެސް ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވެސް ވަނީ އެ ހޮސްޕިޓަލަށް އެކްސިޑެންޓް ވެގެން ހަތަރު ޒުވާނަކު ގެންދިޔަ ކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.