މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން ފެން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި މާލޭ ސިޓީކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރި ވުމަށް ފުރުސަތު ނުދިން ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށް ދިނުމުގެ ހިދުމަތް ދިނުމަށް ސިޓީކައުންސިލްގެ މުވައްޒަފުން ޓާސްކް ފޯސްގައި އެދުނު ކަމަށާއި އެހެން ނަމަވެސް އެކަމަށް އިޖާބަ ނުދިން ކަމަށެވެ.

"...މާލޭސިޓީގެ ރައްޔިތުންނަށް ފަސޭހައިން ފެން ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށްޓަކައި، ފެންދޫކުރާ ތަންތަނުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި އެކު މިކައުންސިލުގެ މުވައްޒަފުން ބޭނުންކޮށްގެން ފެން ދޫކުރުމާއި ގޭގެއަށް ފަސޭހައިން ފެން ލިބޭނެ އިންތިޒާމްތައް ހަމަޖައްސަން ބޭނުންވެގެން މިކައުންސިލުގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޓާސްކްފޯސްގައި އެދުމުން އެފަރާތުން ވިދާޅުވެފައި ވަނީ މިވަގުތު މާލޭ ސިޓީކައުންސިލް އަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި މިވަގުތު އެއްވެސް އެހީތެރިކަމެއް ބޭނުންނުވާ ކަމަށެވެ،" ސިޓީކައުންސިލްގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އެޖަވާބާ މެދު ސިޓީކައުންސިލުން ހިތާމަކުރާ ކަމަށެވެ. އަދި އެޖަވާބު ލިބުނު ނަމަވެސް ބައެއް މަސައްކަތްތައް ކޮށްފައި ވާނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން މައްޔިތުން ހިނެވުމަށް ބޭނުންވާ ފެން އާސަހަރާއަށް ޖަމާކޮށްފައިވާނެ ކަމަށާއި މާލޭގައި ގިނަ އަދަދަކަށް ފެން ރައްކާކޮށްފައި ހުރި ތަންތަނުގެ މައުލޫމާތު ޓާސްކްފޯސްއަށް ދީފައިވާނެ ކަމަށް ބުނެފައިވެ އެވެ.

ފެނުގެ ހިދުމަތް މިހާލަތަށް ދިޔައީ ކޮން ބައެއްގެ އިހުމާލުންތޯ ބަލަން ޖެހޭ ކަމަށް ވެސް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.

"...މިހާލަތުގައި މާލޭ ސިޓީކައުންސިލްގެ ރައްޔިތުން އުޅޭއިރު މިހާލަތަށް ގެންގޮސްފައި ވަނީ މާލޭސިޓީގެ ރައްޔިތުންނަށް ފެން ފޯރުކޮށްދޭ ހަމަ އެކަނި ކުންފުނި ކަމަށްވާ އެމްޑަބްލިއުއެސްސީގެ އިހުމާލެއް އޮވެގެންތޯ؟ ނުވަތަ ނުވަތަ ކޮން ބައެއްގެ އިހުމާލުންތޯ ބެލުމަކީ މުހިއްމު ކަމެއް ކަމުގައި މިކައުންސިލުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.