06 Dec 2014, 15:55
ފެން ކުންފުނީގެ އިންޖީނުތަކަށް ދީމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާރު ދުވާލަކު ދެގަނޑި އިރަށް ދޫކުރާ ފެނަށް ބިލް ނުކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޑަބުލިއުއެސްސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދުވާލަކު ދެ ފަހަރު އެ ކުންފުނިން ދޫކުރާ ފެން އިމާރާތްތަކުގެ މަތީ ބުރިތަކަށް ނުފޯރާތީ އާއި އަދި ފެނުގެ މައްސަލަ ހައްލުވަންދެން އެ ކުންފުނިން ދޫކުރާ ފެނަށް ބިލް ނުކުރާ ގޮތަށް ކުންފުނިން ނިންމާފައިވާ ކަމަށެވެ.
"މި މައްސަލަ މުޅިން ހައްލުވަަންދެން މި މުއްދަތުގައި ދޫކުރެވޭ ފެނުށް ބިލް ނުކުރާނޭ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށް ޓަކައި ދަންނަވަމެވެ." އެ ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ކޮންމެ ދުވަހެއްގެ ވަކި ގަނޑިތަކެއްގައި ގޭގެއަށް ފެން ސަޕްލައިކޮށް ދިނުމަށް އެ ކުންފުނިން މަަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބޭނުންވާ ޕްރެޝަރުގައި ފެން ފޮނުވައި ނުދެވޭތީ އުސް އިމާރާތްތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ފެން ފޯރުކޮށް ނުދެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑްބަލިޔުއެސްސީ އިން ބުނީ ސަަޕްލައި ފެން ފޯރުކޮށްދިނުމަށް މައްސަލަތައް ދިމާވި ނަމަވެސް އެ ކުންފުނީގެ ފެންފުޅި ބަންދުކުރާ ޕްލާންޓްގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. އަދި ފުޅި ފެން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައަކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ.
އެ ކުންފުނީގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްޑަބުލިއުއެސްއީ މައި އޮފީހުގެ ކަސްޓަމާ ސާވިސްގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންނަމަވެސް ފެންބިލް ބަލައިގަންނަ އެހެނިހެން ތަންތަނުންނާއި އެމްޑަބުލިއުއެސްއީގެ އީ ޕޭގެ ހިދުމަތް ބޭނުންކުރައްވައިގެން ފެން ބިލަށް ފައިސާ ދެއްކޭނެ ކަމަށް ބުންޏެވެ.