މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަން ހައްލުކޮށްދިނުމުގައި ޗައިނާގެ ސަރުކާރުން ބޮޑު އެހީތެރިކަމެއް ވެދެއްވަމުން އެބަދެ އެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ދައުލަތުގެ ފެންކުންފުނި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި މާލެ ފެނަށް ޖެހުމުން އެކަން ހައްލުކޮށްދިނުމަށް ޗައިނާ ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ރާއްޖޭގެ ސަރުކާރާ ގުޅިގެން ވަގުތުން ފަށައިގެން ކުރިއަށްދާ ކަމަށެވެ.

އެގޮތުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އެގައުމުން މާލެ އަންނަ ހުރިހާ ކޮމާޝަލް ފްލައިޓަކުން ރާއްޖެ އަށް ފެން ފޮނުވަން ފަށާފައިވާ އިރު، އެ އެހީގެ ދަށުން ފުރަތަމަ ގެނައި 15 ޓަނުގެ ފެން ވަނީ މިއަދު މާލެ އައި މެގާ މޯލްޑިވްސްގެ ފްލައިޓުން ގެނެސްފަ އެވެ.

މީގެ އިތުރުން، ގާތްގަނޑަކަށް 40 ވަރަކަށް ޓަނުގެ ފެން ހިފައިގެން ޗައިނާގެ އެއާފޯސް ދެ މަތިންދާބޯޓު ރާއްޖެ އައުމަށް ފުރާފައިވާ އިރު، އެ ދެ ބޯޓު މިއަދު ހަވީރު 4:00 އެހާކަންހާއިރު ރާއްޖެ އަންނާނެ ކަމަށް ޗައިނާ އެބްމަސީގެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ، ޗައިނާގެ ނޭވީ ވެސަލް ޗަންގް ޝިންގް ޑައޯ މަނަވަރު ފުލް ސްޕީޑްގައި މާލެ ދަތުރުކުރަމުންދާ ކަމަށާއި ދުވާލަކު 90 ޓަނުގެ ފެން އުފައްދާ އެ މަނަވަރު މާދަމާ ރޭ މާލޭގައި ބަނދަރު ކުރާނެ ކަމަށެވެ.

ޗައިނާގެ ސަރުކާރުން ރާއްޖެ އަށް ބޮޑު އެހީތެރިކަމެއް ވެދެއްވަމުންދާ އިރު، އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާ އިން ވެސް އަންނަނީ ރާއްޖެއަށް ފެން ފޯރުކޮށްދިނުމުގައި ބޮޑު އެހީތެރިކަމެއް ވެދެއްވަމުންނެވެ.

ވެރިރަށް މާލެއަަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ބޭރު ގައުމުތަކުން ކުރަމުންދާ މަސައްކަތަށް ރައީސް ޔާމިން ޝުކުރު އަދާ ކުރައްވާފަ އެވެ.