06 Dec 2014, 13:54
އެމްޑަބްލިއުއެސްއީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސާމާނު ސިންގަޕޫރުން މާލެ ގެނެސްފިއެވެ.
ސަންއަށް އެނގިފައި ވާގޮތުގައި މި ސާމާނު މާލެ ގެނެސްފައި ވަނީ މިއަދު 12:00ގަ އެވެ. މިހާރު އެސާމާނު ޓީ ޖެޓީ ސަރަހައްދަށް ބޭލުމަށް ފަހު އެމްޑަބުލިއެސްއީއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެމްޑަބުލިއު އެސްއީއަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި މާލެއިން ފެންކެނޑި، މާލެ ފެނަށް ޖެހިފައިވާއިރު، މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
މުޅިމާލެއިން ފެން ކެޑި މާލެ ފެނަށް ޖެހުމާ ގުޅިގެން އެކަމާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފައްދަވާފައިވާ ޓާސްކްފޯހުން ބުނެފައި ވަނީ ފެނުގެ މައްސަލަ މުޅިން ހައްލުކުރުމަށް ތިން ދުވަސް ވަރު ވާނެ ކަމަށާއި، ފެނުގެ މައްސަލަ ހައްލު ވަންދެން ސަރުކާރުން ހިލޭ ފެން ފޯރުކޮށްދޭނެ ކަމަށެވެ.
މިގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ލޮރީގައި ފެން ސަޕްލައި ކޮށްދިނުމުގެ އިތުރުން، މިނަރަލް ވޯޓާ ފެން ހިލޭ ބެހުމުގެ މަސައްކަތް އެކި މަރުކަޒު ތަކުގައި ދަނީ ކުރިއަށްގެން ދަމުންނެވެ.
ޓާސްކްފޯހުން ބުނެފައި ވަނީ މިރޭގެ ވަގުތެއްގައިގައިވެސް އެއްގަޑި އިރަށް ފެންދޫކުރާނެ ކަމަށާއި، ފެން ދޫކުރާނެ ގަނޑި އެއް ފަހުން އަންގާނެ ކަމަށެވެ.
މިއަދު 12:00 އިން ފެށިގެން އެއްގަޑި އިރަށް ފެން ދޫކޮށްފައި ވާއިރު، މާލޭގެ ގިނަ ގޭގެއަށް ފެން ނުލިބޭ ކަމުގެ ޝަކުވާ ވަނީ އާންމުވެފައެވެ.