06 Dec 2014, 12:40
ލިވަޕޫލްގެ ސްޓްރައިކަރު މާރިއޯ ބަލެޓޮލީ އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯއަކާ ގުޅިގެން އިންގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާއާ މެދު ފިޔަވަޅު އަޅަން ނިންމައިފިއެވެ.
އިނގިރޭސި އެފްއޭއިން ބަލެޓޮލީއާ މެދު ފިޔަވަޅު އަޅަން ނިންމީ އޭނާ އިންސްޓަގްރާމްގައި ޕޯސްޓު ކުރި ފޮޓޯއެއްގައި ނަސްލީގޮތުންނާއި ދީނީ ގޮތުން ތަފާތު ކުރާފަދަ ވާހަކަތަކެއް ލިޔެފައި ވާކަމަށް ބުނެއެވެ.
އިނގިރޭސި އެފްއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބަލެޓޮލީ ޕޯސްޓުކުރި ފޮޓޯގައިވާ ލިޔުންތައް އެ އިދަރާގެ 'އީ ތިނެއް' ގަވައިދުގެ އެއްވަނަ ނުކުތާއާ ޚިލާފު ވާކަމަށާއި، އެ ޕޯސްޓު ބެލެވެނީ ނަސްލީގޮތުން ތަފާތުކުރަނިވި ޕޯސްޓެއްގެ ގޮތުގައި ކަމަށެވެ. އަދި ބަލެޓޮލީ ޕޯސްޓުކުރި ފޮޓޯގައި ހަމުގެ ކުލައަށާއި، ގައުމިއްޔަތުގެ އިތުރުން ދީނަށް އިޝާރާތް ކޮށްފައި ވުމުން އެ ޕޯސްޓަކީ އެފްއޭ 'އީ ތިނެއް' ގަވައިދުގެ ދެވަނަ މާއްދާގެ ދަށުން ބަޔާންވެގެންވާ ނަސްލީ އަދި ދީނީ ގޮތުން ތަފާތުކުރުމުގެ ސިފަތަކެއް ހިމެނޭ ޕޯސްޓެއްކަމަށްވެސް އެފްއޭއިން ބުނެފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ލިވާޕޫލްއިން ބުނެފައި ވަނީ ބަލެޓޮލީ ޕޯސްޓުކުރި ފޮޓޯއާ ބެހޭ މައުލޫމާތު އެ ކްލަބަށް ލިބިފައި ވާކަމަށާއި، އެކަމާ ބެހޭގޮތުން އެ ކްލަބުން ބަލެޓޮލީއާ ވާހަކަ ދައްކަމުން ދާކަމަށެވެ. ބަލެޓޮލީއާއެކު ލިވާޕޫލް ހަދާފައިވާ ކޮންޓްރެކްޓުގައި އޭނާގެ އަމަލުތައް ބަހައްޓަން ވާގޮތާމެދު މާއްދާތަކެއް ހިމެނިފައި ވާއިރު، ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އެ ކްލަބުން މިކަމާ ގުޅިގެން އޭނާ ދޫކޮށްލާކަށް ނުވިސްނައެވެ.
މިދިޔަ ހަފްތާގައި ބަލެޓޮލީ ޕޯސްޓުކުރި އެ ފޮޓޯގައި ކަޅު ނަސްލުގެ މީހުންނާ ބެހޭގޮތުން ލިޔުންކޮޅެއް ލިޔެފައި ވާއިރު، ޔަހޫދީން ލާރިއަށް ދަހިވެތިވާކަމަށް އިޝާރާތްކޮށްވެސް ލިޔުންކޮޅެއް ލިޔަފައި ވެއެވެ. އެ ފޮޓޯ ޕޯސްޓުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބަލެޓޮލީ ވަނީ ފޮޓޯ ނެގުމަށްފަހު އެ ފޮޓޯ އިންސްޓަގްރާމަށް އަޕްލޯޑް ކުރެވުނީތީ އެކަމާ މައާފަށް އެދި އިތުރު މެސެޖުތަކެއް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައެވެ.