06 Dec 2014, 12:20
މެންދުރުފަހު 23 ލޮރީއެއްގައި ޓޭންކްތައް ހަރުކޮށް، ފެން ސަޕްލައިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފެނުގެ މައްސަލަ ހައްލު ކުރުމަށް އުފައްދާފައިވާ ޓާސްކްފޯހުން ބުނެފި އެވެ.
އެމްޑަބްލިއުއެސްއީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، މުޅި މާލޭން ފެންކެނޑި، މާލޭގެ ރައްޔިތުން ފެނަށް ޖެހިފައިވާތީ، މާލޭގެ ރައްޔިތުންނަށް ފެންފޯރުކޮށް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުގެ މަސައްކަތްތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާރޑް މުހައްމަދު ނާޒިމް ވިދާޅުވީ މިހާރު ވެސް 15 ލޮރީއެއްގައި ޓޭންކްތަށް ހަރުކޮށްގެން މާލޭގެ އެކި ހިސާބުތަކުގައި، ފެން ފޯރުކޮށްދުނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދު 12 ޖަހާއިރުން ފެށިގެން އެއްގަޑިއިރަށް ފެންދޫކުރެވުނު ނަމަވެސް އިމާރާތްތަކުގެ މަތީ ފުލޯތަކުގައި ދިރުއުޅޭ ފަރާތްތަކަށް ފެން ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް ނާޒިމް ވަނީ ވިދާލުވެފަ އެވެ.
މީގެ އިތުރުން ފެން ބެހުމުގައި ވަކި އުސޫލުތަކެއް ހަމަޖައްސައި، ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން، މުސްކުޅިންނަށް ވަކި ކިއުއެއްގައި ފެން ފޯރުކުރުމުގެ މަސައްކަތް ކުރިއށް ގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްއީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން ފެން ކަނޑާލިތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ.