06 Dec 2014, 12:09
މާލޭގެ ފިހާރަތަކުން މިއަދު ފެން ލިބޭނެ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ މާލޭގެ ފިހާރަތަކަށް ފެން ދޫކުރުމަށް ކުންފުނިތަކަށް އަންގާފައިވާނެ ކަމަށެވެ. އެހެންނަމަވެސް ފިހާރަތަކުން ފެން އަގުބޮޑުކޮށް ވިއްކައިފި ނަމަ އެ ފިހާރައަކާ ދޭތެރޭ ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ ކުންފުނިތަކަށް އަންގާފައި މިއަދު ފިހާރަތަކަށް ފެން ދޫކުރުމަށް. އެހެެންނަމަވެސް ފިހާރަތަކުން އަގުބޮޑުކޮށް ފެން ވިއްކައި ނަމަ އެ ފިހާރައަކާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން." މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ އިއްޔެ ފިހާރަތަކަށް ފެން ދޫކޮށްފައި ނުވިނަމަވެސް މިއަދުގެ ވަގުތެއްގައި ފިހާރަތަކުން ފެން ލިބޭނެ ކަމަށެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވެފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވިޔަފާރި ކުރާ ފަރާތްތަކުން އަގުބޮޑުކޮށް ފެން ވިއްކަމުންދާތީ އެކަން މިހާރު މިހާރަށް ހުއްޓާލުމަށް އަންގާ ކަމަށެވެ.
އެމްޑަބްލިއުއެސްސީ އަށް ދިމާވި އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލެއިން ފެން ކެނޑުމުގެ ސަބަބުން ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ފެން އަގުބޮޑުކޮށް ވިއްކަމުންދާ ކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ލިބެމުންދާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.