06 Dec 2014, 12:06
މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ގެނައުމަށް މި ހަފްތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހަކީ ބަންދު ދެދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ހަފްތާ ބަންދަކީ އާންމުކޮށް ހެދުން ދޮވުން ފަދަ ކަންކަން ކުރާ ދެ ދުވަހަށްވާ އިރު މިހާރު ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން އެކަންނުވެ ގިނަ ރައްޔިތުންތަކެއް ތިބި ކަމަށެވެ.
"ހެދުން ދޮވުން ފަދަ ކަންކަމަށް ދަތިވާތީ ކުރިއަށް އޮތް އާދީއްތަ ދުވަހާއި ހޯމަ ދެދުވަހަކީ ބަންދު ދެދުވަހަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައި،" މުއާޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ފެނުގެ ދަތިކަން ދިމާވުމުގެ ކުރިން ވެސް ދަރިކަލުންނަށް ސިއްހީ ފަރުވާ ދިނުމަށް ރައީސް މެލޭޝިއާ އަށް ވަޑައިގެން އުޅުއްވި ނަމަވެސް، މިހާރު ދިމާވެފައިވާ ހާލަތާ ގުޅިގެން ރައީސްގެ ދަތުރުފުޅު ކުރުކުރައްވައި މިރޭގެ ވަގުތެއްގައި މާލެއަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
ފެނުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު އަވައްޓެރި އެކި ގައުމުތަކުން ދަނީ ރާއްޖެއަށް ފެން ފޯރުކޮށްދެމުންނެވެ.