އިންޓަނޭޝަނަލް ހޭޑްބޯލް ފެޑްރޭޝަން (އައިއެޗްއެފް) އިން އިންތިޒާމް ކޮށްގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ހޭންޑްބޯލް ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވީ އަފްޣާނިސްތާނާ ބައްދަލުކޮށް 49-22 ލަނޑުންނެވެ. ޕާކިސްތާނުގެ ފައިސަލްއާބާދުގައި ކުޅުން އެ މެޗުން ރާއްޖެ ބަލިވީ މެޗު ކުޅޭ ދަނޑު ތަފާތުވުމުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފައިވެއެވެ.

އިއްޔެގެ މެޗުން ރާއްޖެ ބަލިވީ ޔަމަން އާ ބައްދަލުކޮށް 9-36 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުގެ މެދުގައި އެހާ ބޮޑު ތަފާތެއް ނެތި2-7 ލަނޑުންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފު ފެށުމާއެކު ޔަމަނުން ވަނީ ދެ ޓީމުގެ މެދުގައި އޮތް ފަރަގު ބޮޑުކޮށްފައެވެ.

މެޗު ކުޅުނުއިރު ސަރަހައްދުގެ ފިނި ހޫނުމިން 13 ޑިގްރީ ސެލްސިއަސްގައި ހުރުމުން ރާއްޖޭގެ ގައުމީ ޓީމަށްވަނީ އުނދަގޫތަކަކާ ކުރިމަތި ވެފައެވެ.

ޔަމަން ޓީމުގައި އުމުރު ހަމަނުވާ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އިއްޔެގެ މެޗުގައި ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެކަމާ ގުޅިގެން އައިއެޗްއެފް އިން ދަނީ އެ މައްސަލަ ބަލަމުންނެވެ. އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

މުބާރާތުގައި ރާއްޖެއިން ދެން ކުޅޭ މެޗެއް އެނގޭނީ އެ މައްސަލަ ބަލާ ނިމުމުންނެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕު އުސޫލުން ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެނެވެ. އެގޮތުން ރާއްޖެ ހިމެނޭ ގްރޫޕް 'އޭ' ގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި އަފްޣާނިސްތާން އަދި ޔަމަން ހިމެނެއެވެ. ނަމަވެސް ވިސާ މައްސަލައަކާ ގުޅިގެން އިންޑިޔާ މުބާރާތުގައި ބައިވެރިވެފައެއް ނުވެ އެވެ. ގްރޫޕް 'ބީ' ގައި ހިމެނެނީ ނޭޕާލާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.