ޗެލްސީގެ ޑިފެންޑިންގް މިޑްފީލްޑަރު ނިމެންޖާ މެޓައިކް އާ ނުލާވެސް ކުރިއަށް އޮތް މެޗުގައި ޗެލްސީއަށް ރަނގަޅު ކުޅުމެއް ކުޅެވިދާނެ ކަމަށާއި މެޓައިކް ސަސްޕެންޑް ކުރުމާ ގުޅިގެން އެކަމާ މެދު ނުވިސްނާ ކަމަށް ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

މިއަދު ނިއުކާސްލްއާ ދެކޮޅަށް ކުޅެން އޮތް މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މެޓައިކް އަކީ ޗެލްސީއަށް މުހިންމު ކުޅުންތެރިއެއް ކަމުގައި ވިޔަސް ޗެލްސީގެ އެހެން ކުޅުންތެރިންނަށް އޭނާ އިތުބާރު ކުރާ ކަމަށާއި ކުރިއަށް އޮތް މެޗުގައި މެޓައިކްއާ މެދު ނުވިސްނާނެ ކަމަށެވެ.

"މެޓައިކް އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ނަމަވެސް އޭނާ މި މެޗަށް ސަސްޕެންޑު ކުރުމުން އެކަމާ މެދު އަހަރެން ނުވިސްނަން. މިއީ މެޓައިކްއަށް ރެސްޓުކޮށްލަން ލިބޭ ފުރުސަތެއް. އޭނާއަކީ ރެސްޓަކަށް ވަރަށް ބޮޑަށް ބޭނުންވެފަ ހުރި ކުޅުންތެރިއެއް. ދެން އޭނާ އެނބުރި އަންނައިރު އޭނާގެ ފަރާތުން މިހާރަށް ވުރެ ރަނގަޅު ކުޅުމެއް ފެނިގެން ދާނެ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޑިއޭގޯ ކޯސްޓާ އަކީވެސް އެ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، ނަމަވެސް އެންމެ ފަހުން ޗެލްސީ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު ކޯސްޓާއާ ނުލައި ކާމިޔާބު ކުރި ފަދައިން މި މެޗު މެޓައިކްއާ ނުލާވެސް ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

އެންމެ ފަހުން ޗެލްސީ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ކޯސްޓާ އަށް ވަނީ ސަސްޕެންޝަންގެ ސަބަބުން ކުޅެވޭގޮތް ނުވެފަ އެވެ. އެ މެޗު 3-0ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބު ކުރިއިރު، ނިއުކާސްލް އާ ދެކޮޅަށް ޗެލްސީ ކުޅެން އޮތް މެޗަށް މެޓައިކް ސަސްޕެންޑު ކޮށްފައި ވަނީ އެ މެޗުގައި އޭނާ އަށް މި ސީސަންގައި ދެއްކި ފަސްވަނަ ރީނދޫ ކާޑާއެކު އެވެ.

"މިދިޔަ މެޗުގައި ކޯސްޓާ އަށްވެސް ނުކުޅެވުނު. އޭނާވެސް އެއީ ޓީމަށް މުހިންމު ކުޅުންތެރިއެއް. ނަމަވެސް އޭނާއާ ނުލައި އެ މެޗު ޗެލްސީއަށް ކާމިޔާބު ވެސް ކުރެވުނު. އެ މެޗުގައި ކޯސްޓާއާ ދޭތެރެ އަހަރުމެން ނުވިސްނަން،" މޮރީނިއޯ ބުންޏެވެ.

ނިއުކާސްލްއާ ދެކޮޅަށް ކުޅޭ މެޗުގައި ކޯސްޓާ ފެނިގެން ދާނެ ކަމަށް މޮރީނިއޯ ބުނިއިރު، މިދިޔަ މެޗުގައި ޗެލްސީއަށް ލަނޑެއް ކާމިޔާބުކޮށްދިން ޑިޑިއާ ޑްރޮގްބާ ކުރިއަށް ކުޅެން އޮތް މެޗުން ފެނިގެން ނުދިޔުން އެކަށީގެންވާ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. އަދި މި ސީސަންގައި ޗެލްސީ މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، ގިނަ ރެކޯޑްތަކެއް މުގުރާލުން އެއީ ޗެލްސީގެ އަމާޒު ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ނިއުކާސްލްއާ ދެކޮޅަށް ޗެލްސީ ނިކުންނަ މެޗު ކުޅެން ހަމަޖެހިފައި ވަނީ ނިއުކާސްލްގެ ހޯމް ސްޓޭޑިއުމް ސެއިންޓް ޖޭމްސް ޕާކުގަ އެވެ. އެ ސްޓޭޑިއަމްގައި އަދި މިހާތަނަށް ޗެލްސީ ނިއުކާސްލްއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މިދިޔަ ސީސަންގައި ޗެލްސީގެ ހޯމް ސްޓޭޑިއަމް ސްޓެމްފޯޑް ބްރިޖްގައި ނިއުކާސްލްއާ ދެކޮޅަށް ކުޅުނު މެޗުތަށް ޗެލްސީ ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފައިވާ އިރު، ސެއިންޓް ޖޭމްސް ޕާކުގައި އެ ޓީމް ނިއުކާސްލްއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ނިއުކާސްލް އެވެ. މި ސީސަންގައި ނިއުކާސްލް އެ ޓީމްގެ ސްޓޭޑިއަމްގައި އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ނިންމާލިއިރު، ޗެލްސީ މި ސީސަންގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.