06 Dec 2014, 10:49
ބ. އަތޮޅުގެ ފިހާރައެއް ކަމުގައިވާ ޔޫ ސްޕޯޓްސްއިން އިންތިޒާމްކޮށް ކުރިއަށް ގެންދާ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް 2014 ގައި ބުރާސްފަތި ދުވަހު ފެހެންދޫ އާއި އޭދަފުށި ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގްރޫޕް 'އޭ' ގެ އެއްވަނަ މަގާމް އޭދަފުށި ހޯދައިފިއެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު ދެ މެޗު ބުރާސްފަތި ދުވަހު ކުޅެފައި ވާއިރު، އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި ފުރަތަމަ މެޗުގައި އޭދަފުށިން އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ އަށް ވަނަ މިނެޓުގައެވެ. މި ލަނޑު އޭދަފުއްޓަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އިބްރާހިމް ޝިޔާމް އެވެ. މެޗުގައި އޭދަފުއްޓަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމްގެ ހުސައިން ޝިމާޒް (ކޮކީ) އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމްގެ އިބްރަހީމް ޝިޔާމް އެވެ.
އެ މެޗުގެ ނަތީޖާއާ އެކު އޭދަފުށި ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، މުޅިއަކު ނުވަ ޕޮއިންޓާއެކު ގްރޫޕް 'އޭ' ތާވަލްގެ އެއްވަނަ މަގާމް ހާސިލްކޮށްފައެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް މުޅިއަކު ހަ ޕޮއިންޓާއެކު މި ގްރޫޕް ތާވަލްގެ ދެވަނަ މަގާމް ހޯދާފައި ވަނީ ފެހެންދޫ އެވެ. އެ ދެ ޓީމްވެސް ވަނީ މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ސެމީފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ.
ބުރާސްފަތި ދުވަހު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ދަރަވަންދޫ އާއި ދޮންފަނު އެވެ. އެ މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެނެވެ. އެ މެޗުގައި ފުރަތަމަ ލީޑް ނަގާފައި ވަނީ ދަރަވަންދޫ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އަލީ ހުސައިން އެވެ. ދަރަވަންދޫ އިން ލީޑް ނެގިތާ ހަތަރު މިނެޓުފަހުން ދޮންފަނު ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ އިބްރާހިމް ހަމްދާން އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައި ވަނީ ދޮންފަނު ޓީމްގެ ހަމްދާން އެވެ.
އެ މެޗުގެ ނަތީޖާއާ އެކު އެ ދެ ޓީމަށް މުބާރާތުގެ ގްރޫޕް ސްޓެޖްގައި ކުޅުނު ތިން މެޗުން މުޅިއަކު ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި މި ދެ ޓީމުން ކުރެ ކޮންމެ ޓީމެއްވެސް ގްރޫޕް ސްޓޭޖްގައި ކުޅުނު ދެވަނަ މެޗާއެކު ސެމީފައިނަލްގެ ޖާގަ ވަނީ ގެއްލިފައެވެ.
އެ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ. އެ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ކިހާދޫ އެވެ. އަދި މުބާރާތުގެ ފަހު ސެމީ ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އެވެ. އެ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ގޮއިދޫ އާއި ފެހެންދޫ އެވެ.