06 Dec 2014, 09:51
މިދޭތެރެއަކުން އެއްދު ވަހު އޮފީހަށް ދާން ހޭލި އިރު މުޅި މާލެ ކެކި އަރަނީއެވެ. ވީ ގޮތަކީ ބަޔަކު އިންދާފައި ހުރި ރުއްތަކެއް ގޮތްނޭނގޭ ބަޔަކު އެރޭ ކަނޑާލީ އެވެ. އެކަމަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކާއި ނެރުނު ނޫސްބަޔާންތަކުގެ އަދަދު ބުނެދޭން ވެސް ނޭނގެ އެވެ. ހަމައެހެންމެ ސިޓީ ކައުންސިލްގެ މެމްބަރުން ނޫސްވެރިންނަށް ގުޅައި އެވެނި މިވެނި އަޕްޑޭޓެއް ލިޔެދިނުމަށް އިންތިހާއަށް އެދުނެވެ. ނަމަވެސް މުޅި މާލެ ފެނަށް ޖެހިފައިވާ އިރު އެއްކަހަލަ ސިޓީ ކައުންސިލްގެ އަޑެއް އިވިއްޖެތޯ އެވެ؟
މާލޭގައި އިންދާފައި ހުރި ރުއްތަކެއް ކަނޑައިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހައްގު ގެއްލޭތީ ސިޓީ ކައުންސިލުން ކިތަންމެހާ ވެސް މަސައްކަތް ކުރި އެވެ. މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބަޖެޓު ނުލިބިގެން އެތައް ޝަކުވާއެއް ވެސް ކުރި އެވެ. އެކަންކަމާ ގުޅިގެން ކަމާ ބެހޭ އެތައް ފަރާތްތަކާއި މަޝްވަރާކޮށް ނުލާހިކު ހަލުވި ސުޕީޑުގައި ކަންކަން ނިންމަމުންދިޔަ އެވެ. މާގިނަދުވަހެއް ނުވެ އަލުން ރުއްތައް އިންދަން ފެށިއެވެ. ނަމަވެސް 130000 އަށް ވުރެ ގިނަ މީހުން މިދިއުޅޭ ވެރި ރަށް ފެނަށް ޖެހިފައިވާ އިރު ސިޓީ ކައުންސިލްގެ ބަސް މިވަނީ މަދުވެފަ އެވެ. މުޅި ކައުންސިލް ހަނުރު ހުރީތޯ އެވެ؟
ސަރުކާރާއި އަމިއްލެ ކުންފުނިތަކުގެ މުއައްޒިފުން ވެސް ވޮލަންޓިއާކޮށް ނުކުމެ ފެނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ އިރު އެކަމުގައި ރަސްމީ ސިފައެއްގައި ސިޓީ ކައުންސިލުން ހަރަކާތްތެރިނުވާކަން ގިނަ ބަޔަކު ފާހަގަކުވެ އެވެ.
ފެންފޯއް ރުއްތައް ކެނޑުމާއި ބައެއް އެހެނިހެން ހާދިސާތަކުގައި ވެސް ސިޓީ ކައުންިސލުން އެންމެ ބޮޑަށް ދެއްކިއެއް ވާހައަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ކައުންސިލްއަށް ޒިންމާތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ބޭނުންވާ ކަމަށް އެބޭފުޅުން އަބަދުވެސް ވިދާޅުވެ އެވެ. ނަމަވެސް މާލެ ފެނަށް ޖެހުނުއިރު އެބޭފުޅުން ކޮބާބާ އެވެ؟
ސިޓީ ކައުންސިލްއިން "ހަނުހުރި" އިރު އެކަމާ ގުޅިގެން ސަން އިން ސުވާލުކުރުމުން ސިޓީ ކައުންސިލް މެމްބަރު ސަމާއު ޝަރީފް ވިދާޅުވީ އެކައުންސިލް އިން ފެނުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފެން ބަހާ ބައެއް ސަރަހައްދުތަކަށްގޮސްފައިވާ އިރު "ނޫސްބަޔާނެއް ނެރެން ވެސް ވަގުތެއް ނުވީ" ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އިސް ފަރާތްތަކާއި މިކަމާ ގުޅިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ނަމަވެސް މިވަގުތު ސިޓީ ކައުންސިލް އަށް ކުރެވޭނެ ވަކިކަމެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ސަމާއު ވިދާޅުވި އެވެ.
ރުއްތަކެއް ކެނޑައިގެން އެރުވި ފޯރި ހަމަގައިމު ވެސް މިފަހަރަކު އަރުވާފައެއް ނުވެ އެވެ. މިވާހަކައަކީ ގިނަ ބަޔަކު ގުޅައި ދައްކަމުންދާ ވާހަކައެކެވެ. ހަމަގައިމު ވެސް ރުއްތަކެއް ކެނޑުމަށް ވުރެ މުޅި މާލެ ފެނަށް ޖެހިފައި ވާތީ އެކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ. މުހިންމީ ނޫސްބަޔާނެއް ނޫނެވެ. ދެވޭ ހިދުމަތެކެވެ.