ރާއްޖޭގެ ހުރިހާ މިޑީއާތަކަކުން އަމަލުކުރަންޖެހޭ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައި މިއަދު އިއުލާންކޮށްފި އެވެ.

ޓްރޭޑާސް ހޮޓަލްގައި އިއްޔެއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބޭއްވި މީޑިޔާގެ އިސްފަރާތްތަކުގެ މަޝްވަރާ ބައްދަލުވުމަށް މީޑިޔާ ކައުންސިލް އިން ހުށަހަޅައި ގިނަ އިސްލާހުތަކަކާއެކު ފާސްކުރި އެ މިންގަޑަކީ ރާއްޖޭގެ މީޑިއާތަކުން ހަބަރުތަށް ހޯދުމާއި ގެނެސްދިނުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލީ މިންގަޑެވެ. ބައްދަލުވުމަށް 48 މާއްދާއަކާއި އެކު ހުށަހެޅި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަޑު މިއަދު ފާސްކޮށްފައިވަނީ 26 މާއްދާއަށް ކުޑަ ކުރުމަށް ފަހު އެވެ.

ދިވެހި މީޑިޔާގެ ހަމަތަކާއި އަހުލާގީ މިންގަޑުގެ މަސައްކަތް މިއަދު ނިމުމާއި އެކު ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މީޑިޔާގެ ހާޒިރުގައި އެ މިންގަޑު އިއްވުމަށްފަހު މީޑިޔާ ކައުންސިލްގެ ބައްދަލުވުމެއް ވަގުތުން ބާއްވައި 13 މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން އެ މިންގަޑު ވަނީ ފާސްކުރައްވާ ފައެވެ.

ބައްދަލުވުމަށްފަހު މީޑިޔާ ކައުންސިލްގެ ރައީސް މުހަންމަދު ނަޒީފު ވިދާޅުވީ މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ދިގު ތާރީހުގައި އައި ތާރީހީ މުހިންމު ދުވަހެއް ކަމަށެވެ. އަދި ވިދާޅުވީ މިޑީޔާގެ އަހުލާގީ މިންގަޑުގެ ސަބަބުން ރާއްޖޭގެ މީޑިޔާ މިއަދު ދަތުރުކުރަމުން ދަނީ ރަނގަޅު މިސްރާބަކަށްކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

މީގެ 18 އަހަރު ކުރިން 1993 ވަނަ އަހަރުވެސް ވަނީ މީޑިޔާގެ އެތިކްސް އެކުލާވަލުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ. އެހެންނަމަވެސް އެފަހަރު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި އެ މަސައްކަތް ވަނީ މަޑު ޖެހިފަ އެވެ. ދިގުމުއްދަތަކަށް ފަހު މިއަދު ފާސްކުރެވުނު ދިވެހި މީޑިއާގެ ހަމަ ތަކާއި އަހުލާގީ މިންގަޑާއި މެދު ސީނިއާ އެޑިޓަރުންނާއި މީޑިޔާގެ އިސްފަރާތްތައް ވިދާޅުވީ މިއީ މީޑިޔާއަށް ވެސް ލިބެންޖެހޭ ހައްގުތަށްވެސް އުނިނުވާނެގޮތަށް އާންމުންގެ ހައްގުތައްވެސް ހިމާޔަތް ކޮށްދީފައިވާ ފުރިހަމަ އަހުލާގީ މިންގަޑެއް ކަމަށެވެ.

"މި މިންގަޑު މިއޮތީ ނޫސްވެރި ކަމުގެ މިނިވަން ކަން ނުގެއްލޭ ގޮތަށް. އަދި އާންމުންގެ ހައްގުތައްވެސް ހިމާޔަތް ކުރެވޭ ގޮތަށް. މިއީ އާންމުކޮށް މިހާރުވެސް ހުރިހާ މީޑިއާތަކުން އަމަލުކުރަމުން އަންނަ މިންގަނޑެއް،" ސީނިއާ ނޫސްވެރިއާ އަދި ސަންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ވިދާޅުވި އެވެ.

މިއަދުގެ އެ ބައްދަލުވުމުން ނިންމަވާލައްވަމުން ނަޒީފު ވިދާޅުވީ މީޑިޔާ ކައުންސިލްގެ ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި އެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.