ވޮޝިންޓަން (ޑިސެމްބަރު 6): އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެގައުމުގެ ދިފާޢީ ވަޒީރަކަށް ޕެންޓަގަންގެ ކުރީގެ އިސްވެރިއެއް ކަމަށްވާ އެޝްޓަން ކާޓަރު ޢައްޔަން ކުރައްވައިފި އެވެ.

އުމުރުން 60 އަހަރުގެ ކާޓަރަކީ ޒަމާނީ ހަތިޔާރުގެ ޓެކްނޮލޮޖީއާއި އަސްކަރީ ބަޖެޓްގެ ދާއިރާގެ ތަޖްރިބާކާރެކެވެ. އެޝްޓަން ކާޓަރަކީ 1976 ވަނަ އަަހަރު ޔީލް ޔުނިވަރސިޓީން ފިޒިކްސްގެ ރޮނގުން މަތީ ތަޢްލީމް ޙާސިލްކުރެއްވުމަށް ފަހު އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން އެޕްލައިޑް ފިޒިކްސްގެ ދާއިރާ އިިން ޕީއެޗްޑީ ޙާސިލްކުރައްވައި އަދި އެއަށް ފަހު އެމެރިކާގެ ހަވަޑް ޔުނިވަރސިޓީއާއި ސްޓޭންފޯޑް ޔުނިވަރސިޓީގައި އެ ދާއިރާ އިން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެއަށް ފަހު 1993 އާއި 1996 އާދެމެދު އެމެރިކާގެ ދިފާޢީ ވަޒީރުގެ ނައިބުކަން ވެސް އޭނާ ކުރައްވާފައިވެ އެވެ. އަދި ބިލް ކްލިންޓަންގެ ވެރިކަމުގައި އެމެރިކާގެ ނިއުކްލިޔަރ ހަތިޔާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.

އޮބާމާގެ ވެރިކަމުގައި 2011 ވަނަ އަހަރުން 2013 ވަނައަހަރާ ދެމެދުވެސް ޕެންޓަގަންގެ ވެރިޔާގެ ނައިބެއްގެ ގޮތުގައި އެޝްޓަން ކާޓަރު މަސައްކަތް ކުރައްވާފައިވެ އެވެ. އެޝްޓަން ކާޓަރަށް ދިފާއީ ވަޒީރުކަން ދެއްވުމުގެ ބޭނުމަކީ ޕެންޓަގަންގެ މަސައްކަތްތައް އިސްލާޙް ކުރުން ކަމަށްވަނީ ބެލެވިފަ އެވެ. ޕެންޓަގަން އަކީ އިދާރީ ހިންގުން ދޯދިޔާވުމާއި ކަންތައްތައް ލަސްވުމާއި ބިރޮކްރަސީގެ ބޯދާ އުސޫލުތައް ވަރަށް ބޮޑު މުއައްސަސާއެއް ކަމަށްވަނީ ސިފަކުރެވިފަ އެވެ.

އެހެންކަމުން އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ޒަމާނާ އެއްގޮތަށް އިސްލާޙުކޮށް އެތަނުގެ ހިންގުން ހަރުދަނާ ކުރުމަށާއި އެމެރިކާގެ ދިފާއަށާއި ސިފައިންގެ މުއައްސަސާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެޝްޓަން ކާޓަރަކީ ވަރަށް ކަމަށް އެކަށޭނަ ތަޖްރިބާކާރެއް ކަމަށް އެމެރިކާގެ މީޑިޔާ ސިފަކުރެ އެވެ. އެމެރިކާގެ އައު ދިފާޢީ ވަޒީރު އެޝްޓަން ކާޓަރަކީ ހަތިޔާރުގެ ޓެކްނޮލޮޖީއާއި އިދާރީ ހިންގުމުގެ ދާއިރާގައި ފުންނާބު އުސް ބޭފުޅަކަށްވީ ނަމަވެސް އޭނާއަކީ ހަނގުރާމައިގެ ދާއިރާގެ ތަޖްރިބާނެތް ބޭފުޅެއް ކަމަށްވެ އެވެ.

އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޗަކް ހެގްލް މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ވަޒީރުކަމުގައި އެމެރިކާގެ ދިފާޢީ ބައެއްކަންކަން ބޮއްސުންލުުމުގެ އިތުރުން އެމެރިކާއަށް ކުރިމަތިވެފައިވާ ގައުމީ ސަލާމަތާ ބެހޭ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލެވޭފަދަ ބޭފުޅަކަށް އޭނާ ނުވާތީ މަގާމުން އިސްތިއުފާ ދެއްވުމަށް އޮބާމާ އޭނާއަށް ފިއްތުންތައް ކުރިމަތި ކުރެއްވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)