06 Dec 2014, 00:11
މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް އަވަށްޓެރި އިންޑިއާ އިން އަންނަ ދެ ވަނަ މަނަވަރު ކުރިއަށް އޮތް 36 ގަޑިއިރު ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ ގެނެސްފައިވާ "ސުކަންޏާ" މަނަވަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއަން ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭ ވިދާޅުވީ މިހާރު ގެނެސްފައިވާ މަނަވަރުން ދުވާލަކަށް 50 ޓަނާއި 70 ޓަނާ ދެމެދުގެ އަދަދަކަށް ފެން އުފެއްދޭނެ ކަމަށެވެ. އެ މަނަވަރު ރާއްޖެއަށް އައި އިރު އެ ބޯޓުގައި 50 ޓަނުގެ ފެން އުފައްދާފައި އެބަ ހުއްޓެވެ.
އެ މަނަވަރުގެ އިތުރުން ކުރިއަށް އޮތް 36 ގަޑި އިރުގެ ތެރޭގައި 800 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ މަނަވަރެއް އިންޑިއާ އިން ރާއްޖެ އަންނާނެ ކަމަށް ޝަހާރޭ ވިދާޅުވި އެވެ. އެއީ މިހާތަނަށް ރާއްޖެ އަންނަ އެންމެ ބޮޑު ބޯޓެވެ. އެ ބޯޓު ރާއްޖެ ގެނައުމަށް ކަނޑުމަތީގެ ސެކިއުރިޓީއަށް ކުރަންޖޭ ކަންކަން ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ.

އެ މަނަވަރުތަކުން ގެންނަ ފެން ބޯޓުން އަންލޯޑްކޮށް ކަސްޓަމްސްގައި ވެސް ރައްކާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ބޯޓުން ފެން ނަގައިގެން މާލޭގެ އެކި ސަރަހައްދުތަކުގައިވާ ޑިސްޓްރިބިއުޝަން ބޮކްސްތަކަށް ގޮސް އެމްއެންޑީފުން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާނެ އެވެ.
އިންޑިއާގެ އިތުރުން ލަންކާ އާއި ޗައިނާ އަދި އެމެރިކާއިން ވެސް ވަނީ ރާއްޖެއަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ޗައިނާގެ ބޯޓެއް މިހާރު ވެސް ދަނީ ރާއްޖެއަށް ދަތުރު ކުރަމުންނެވެ.
އެ މަނަވަރުތަކަކީ ފެން އުފެއްދޭ ގޮތައް ހުންނަ މަނަވަރުތަކެއް ކަމުން، ރާއްޖެއަށް ދިމާވެފައިވާ ފެނުގެ ދަތިތަކަށް ހައްލެއް އަންނަންދެން އެ މަނަވަރުތައް ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ.